ހިނައިގަތުން

ލިޔުނީ : އިހްމަދު ބިން ޢަބްދުއްލަތީފް

އަޅުގަނޑުމެންގެ ތެރޭގައި ހިނައި ގަންނަންވީ ގޮތް ވަރަށް ގިނަ ބަޔަށްކަށް އޮޅުން ނުފިލާ އޮންނަކަން ފާހަގަ ކުރެވެއެވެ. ގްރޭޑް 12 ގައި ކިޔަވާ ދަރިވަރުންނަށްވެސް މިކަން އޮޅުންނުފިލާ އޮންނައިރު މުޖުތަމަޢުގައި ތިބޭ އެހެންމީހުންގެ ޙާލަކީ ކޮބާހެއްޔެވެ.

އޭ އިސްލާމުންނޭވެ! އެއްވެސް ފިކުރެއް ޚިޔާލެއްނެތި ހިތަށް އެރިގޮތަކަށް ނޫޅޭށެވެ. ޖުނުބު ވެރިވުމުން ޖުނުބުވެރިވެއްޖެކަމާއި ޙައިޟުވުމުން ޙައިޟު ވެއްޖެކަމާއި މިކަންތައްތަކުން ޠާހިރުވާން ޖެހޭނެކަމާއި ތިމާއަކީ ﷲ އަށް ކިޔަމްނަތެރިކަމާއެކު އަޅުކަން ކުރަން ޖެހޭނެ މީހެއްކަމާއި ، މިއަޅުކަން ތިމާއަށްވެވޭނީ ގައިންޠާހިރުވެގެން ކަންވެސް ރަނގަޅަށް ހަނދާން ބަހަށްޓާށެވެ.

އޭ މުސްލިމް ފިރިހެނާއެވެ. އަދި މުސްލިމް އަންހެނާއެވެ. ހިނެއުން ވާޖިބުވާ ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ ހިނައިގަތުން ވާޖިބުވާނެއެވެ. ހިނައިގަތުން ވާޖިބުވާ ކަންތައްތަކަކީ:

- جنب ވެރިވުން

- حيض ވުން

- نفاس ވެރިވުން

- މަރުވުން ، މިއެވެ.

އަދި މީގެ އިތުރުން ހިނައިގަތުން ސުންނަތްވެގެންވާ ކަންތައްތަކެއްވެސް ވެއެވެ. އެކަންތައްތައް މިކުޑަކުޑަ ލިޔުން ކޮޅުގައި ޒިކުރު ކުރާކަށް ޤަޞްދެއް ނުކުރަމެވެ.

· ހިނައިގަންނަންވީ ގޮތް

1- އެންމެ ފުރަތަމަ ހިނެއުމުގެ ނިޔަށްގަނެ ތިމާގެ ދެއަތް ތިލައަށް ފެންފޮދެއް އޮއްސައި ދެފަހަރު ނުވަތަ ތިންފަހަރު ދެއަތްތިލަ ދޮވެލުން: (ޞަޙީޙުލް ބުޚާރީގެ 54 – 273 ވަނަ ޙަދީޘުން)

2- ދެން ތިމާގެ ކަނާއަތުން ފެންފޮދެއްނަގައި ވައަތްތިލައަށް އަޅައި ތިމާގެ ދެދޮރު ރަނގަޅަށް ދޮވެލުން. (ޞަޙީޙުލް ބުޚާރީގެ 266 ވަނަ ޙަދީޘުން)

3- ތިމާގެ އަތް ބިންމަތީގައި ނުވަތަ ފާރުގައި ކާއްތާލުން: (ޞަޙީޙުލް ބުޚާރީގެ 266 ވަނަ ޙަދީޘުން)

ނޯޓް: ސައިބޯނިކޮޅެއް ފަދަ އެއްޗަކުން އަތް ދޮވެލި ނަމަވެސް މިކަން ކަމުދާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

4- ދެން އެއަށްފަހު ނަމާދަށްވެސް وضوء ކުރާ ފަދައިން وضوء ކޮށްލުން: (ޞަޙީޙުލް ބުޚާރީގެ 266 ވަނަ ޙަދީޘުން)

5- ދެން ބޮލާއި ތުނބުޅީގެ އިސްތަށިގަނޑަށް ފެންއަޅައި ރަނގަޅަށް ތެންމާލުން: މިގޮތަށް ފެންއަޅައިރު އަތުގެއިނގިލިތަކުން އިސްތަށިތައް ރަނގަޅަށް ވިނަވައި ލާންވާނެއެވެ. (ޞަޙީޙުލް ބުޚާރީގެ 266 ވަނަ ޙަދީޘުން)

6- ދެން ދެތަތްގޮށިން ފެންނަގައި ބޮލަށް ތިންފަހަރު ފެންއެޅުން:

7- ދެން މުޅިހަށިގަނޑު ޢާންމުވާގޮތަށް ފެންއަޅާ ދޮވެލުން: (ޞަޙީޙުލް ބުޚާރީގެ 248 ވަނަ ޙަދީޘުން)

8- މުޅިހަށިގަނޑު ޢާންމުވާގޮތަށް ފެންއަޅާއިރު ފުރަތަމަ ކަނާތްފަރާތަށް އެޅުމާއި، ހަށިގަނޑުގެ ތިރީބަޔަށް ވުރެ ކުރިން މަތީބަޔަށް އެޅުން އައުލާކަން ބޮޑެއެވެ. (ޞަޙީޙުލް ބުޚާރީގެ 277 ވަނަ ޙަދީޘުން)

9- ދެން އެއަށްފަހު ފެންވެރިއިރު ހުރިތަންނޫން އެހެންތަނަކަށް ކުޑަކޮށްޖެހިލާފައި ދެފައި ދޮވެލުން: އޭރުން ހިނައިގަނެ ނިމުނީއެވެ. (ޞަޙީޙުލް ބުޚާރީގެ 249 ވަނަ ޙަދީޘުން)


މިބަޔާންވެދިޔައީ رسول الله صلى الله عليه وسلم ހިނައި ވަޑައިގެންނެވި ގޮތްކަމުގައި ޞައްޙަ ގޮތުން ޙަދީޘް ފޮތް ފޮތުން ބަޔާން ވެގެންވާ ގޮތެވެ. އެއީ ހިނައިގަތުމުގެ އެންމެ މޮޅު އިތުރު ގޮތެވެ. އެގޮތުގެ މަތިން ހިނައިގަނެ ނިމުމަށްފަހު ދެން وضوء ގެއްލޭ ފަދަކަމެއް މެދުވެރި ނުވާނަމަ ނަމާދު ކުރުމަށްވެސް އަދި ޠަވާފް ކުރާކަށްވެސް އަލުން وضوء ކުރާކަށް ނުޖެހޭނެއެވެ. (ޞަޙީޙުލް ބުޚާރީގެ 274 ވަނަ ޙަދީޘުންނާއި أبوداؤد ގެ 247 ވަނަ ޙަދީޘުން)

· ހިނައި ގަނެވޭނެ އެހެން ގޮތްގޮތް

ހިނެއުމުގެ ނިޔަށްގަނެ ފެންގަނޑަކަށް ނުވަތަ މޫދަށް ފުންމާލައިގެން މުޅިހަށިގަނޑުގައި ފެންޖައްސައި ތެންމާލި ނަމަވެސް ހިނެއުން ޞައްޙަވާނެއެވެ. އަދި ފެންމާގަނޑުން ނުވަތަ ފެން އިސްކުރުން ނުވަތަ އެނޫން ގޮތްގޮތަކަށް ނަމަވެސް ހަށިގަނޑު ރަނގަޅަށް ތެމި ފެން އޮހޮރިގެންދާވަރަށް ފެންއަޅައިފިނަމަ ހިނައިން ޞައްޙަވާނެއެވެ. ޠާހިރުވެގަތުމުގެ މާނައިގެ ތެރޭގައި މިކަން ވެއެވެ. ޖުނުބު ވެރިވެއްޖެ ކޮންމެމީހަކަށް ﷲ ތަޢާލާ އަންގަވާފައިވަނީ ޠާހިރުވެގަންނާށެވެ. ޙައިޟު ވެރިޔާއާއި ނިފާސްވެރިޔާ އަށްވެސް އޮތީ ޖުނުބު ވެރިޔާގެ ޙުކުމެވެ.

ނޯޓް: ދަންނާށެވެ! ހިނެއުމުގައި މޮޅުއިތުރީ ކުރިން ތަފްޞީލުކޮށް ލިޔެފައިވާ ގޮތެވެ. އެގޮތް މޮޅުވީ އެއީ رسول الله صلى الله عليه وسلم ހިނައި ވަޑައިގެންނެވި ގޮތްކަމުގައި ވާތީއެވެ.

· ހިނެއުމުގެ ފަރުޟުތައް

1- ހިނެއުމުގެ ނިޔަށްގަތުން (ސަޙީޙުލް ބުޚާރީ:54)

2- މުޅިހަށިގަނޑު ޢާންމުވާގޮތަށް ފެންޖެއްސުން (ސަޙީޙުލް ބުޚާރީ:248)

· ހިނެއުމުގެ ސުންނަތްތައް

1- ހިނެއުމަށް ފަށައިގަތުމުގައި بسم الله ކިޔުން أبوداؤد:101)

2- ދެއަތްތިލަ ދޮވެލުން: (ސަޙީޙުލް ބުޚާރީ:274)

3- ތިމާގެ ދެދޮރު ދޮވެލުން: (ސަޙީޙުލް ބުޚާރީ:266)

4- ދެއަތްތިލަ ބިންމަތީގައި ކާއްތައިލުން ނުވަތަ ސަބޯނިކޮޅެއްފަދަ އެއްޗަކުން ދޮވެލުން: (ސަޙީޙުލް ބުޚާރީ:266)

5- وضوء ކުރުން: (ސަޙީޙުލް ބުޚާރީ:260)

6- ތިންތިން ފަށްކުރުން (ސަޙީޙުލް ބުޚާރީ:248)

7- ފެންއަޅާއިރު ގައިގައި އަތްކޭއްތުން: (ސަޙީޙުލް ބުޚާރީ:272)

އޭ މުސްލިމުންނޭވެ! ދުނިޔެވީ އަރާމުން އަރާމުކުރުމުގައި ވަގުތުކޮށްފި ހިނދެއެވެ. އަޅުކަމެއްކުރާނެ ވަގުތެއް ނުލިބުނު ހިނދެއެވެ. ދީނައި މެދު އެއްވެސް ޚިޔާލެއް ނެތްހިނދެއެވެ. ޙައްޤު އެއި ބާޠިލުކަމުގައި އަދި ބާޠިލު އެއީ ޙައްޤުކަމަށް ދެކޭހިނދެވެ. ޝައިޠާނާ މަގުފުރައްދައިފިއެވެ. ނޭނގި ހުއްޓާ މަރުއައިސް ތިބާގެ ފުރާނަ ގެންދަވައިފި ހިނދެއެވެ. އަސްތާ! ކަށްވަޅުގެ އަނދިރިކަމާއި ނާމާންކަމެވެ. ބިރުވެރިކަމެވެ. ހަނިކަމެވެ. އެކަނިވެރިކަމެވެ.

މަރު ވާނެހެއްޔެވެ؟ ކޮންއިރަކުހެއްޔެވެ؟ ތިބާއަށް އެކަން އެގޭހެއްޔެވެ؟ މަރުވާނެކަމާމެދު އެއްވެސް ޝައްކެތް ކުރަންހެއްޔެވެ؟ އެހެންވީއިރު މަރުވުމަށްފަހު ދެން ކަންތައްތައް ވާނެ ގޮތަކާމެދު ތިބާ ވިސްނާ ފިކުރުކުރީ ތިބާގެ ޙަޔާތުން ކިތައްފަހަރު ހެއްޔެވެ. ތިބާގެ ޢުމުރުން ކިތައް އަހަރު ވެއްޖެހެއްޔެވެ؟ ތިބާ އެންމެ ލޯބިވާ މީހާމަތިން ހަނދާން ކުރަންހެއްޔެވެ. އެހެން ވީއިރު އެއީ ކާކު ހެއްޔެވެ. ތިބާ ތިބާކަމުގައި ލެއްވި ﷲ މަތިން ހަނދާން ކުރަންހެއްޔެވެ؟ އެފަރާތުން ތިބާގެ ލޮލުގެ ފެނުން ގެންދަވާން ކުޅަދާނަ ވެގެން ވޭހެއްޔެވެ؟ އެހެން ވެއްޖެ ހިނދެއްގައި ތިބާ ﷲ މަތިން ހަނދާން ކުރާލެއް ވަރަށް ބޮޑުވާނެ ތާއެވެ. އެކަމަކު އެފަދަ ގޮތެއް ތިބާއަށް މިންވަރު ނުކުރައްވާށިއެވެ! "އެކްސިޑެންޓް" މި ބަސް ތިބާވެސް ބޭނުން ކުރަން ހެއްޔެވެ. މި ބަހަކީ ކިޔާލަންވެސް އަހަރެންނަށް ވަރަށް އުނދަގޫ ބަހެކެވެ. މިބަސް އަޑުއިވުމުންވެސް ހިތަށް ދަތިވެއެވެ.