أبو يوسف يعقوب إبن إسحاق الكندي

Abū Yūsuf Yaʻqūb ibn Isḥāq al-Kindī

އަބޫ ޔޫސުފު ޔަޢުޤޫބު އިބުނު އިސްޙާޤު އަލް ކިންދީ

ލިޔުނީ : އަހްމަދު ބިން ޢަބްދުއްލަތީފް

ނަސަބުފުޅު

އަލްކިންދީގެ ފުރިހަމަ ނަންފުޅަކީ އަބޫ ޔޫސުފު ޔަޢުޤޫބު އިބުނު އިސްޙާޤު އަލް ކިންދީއެވެ. (أبو يوسف يعقوب إبن إسحاق الكندي). މި ފަލްސަފާވެރިޔަކީ ކިންދާ ޤަބީލާއަށް ނިސްބަތްވާ ބޭކަލަކެވެ. ކިންދީގެ ބައްޕާފުޅު އަލްމަހުދީ، ހާރޫނުއްރަޝީދުގެ ދުވަސްވަރު ކޫފާގެ އަމީރުކަން ކުރެއްވިއެވެ. އަލްކިންދީއަށް ލަޤަބެއްގެ ގޮތުން ކިޔެނީ " ފައިލަސޫފުލްއަރަބް"އެވެ. މިއީ އިސްލާމުންގެ ފުރަތަމަ ފަލްސަފާވެރިޔާކަމަށް މަޝްހޫރުވެފައިވާ ބޭކަލެވެ.

ކިންދީ ދުނިޔޭގެ އަލިކަންދެކެވަޑައިގަތުން

ކިންދީ ދުނިޔޭގެ އަލިކަންދެކެވަޑައިގަތް ތާރީޚަކާމެދު އިޚްތިލާފުތަކެއް ވެއެވެ. މީގެތެރެއިން އެންމެ ޞައްޙަ ގޮތްކަމަށް ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ، ކިންދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 185 ( މީލާދީން 801) ކަމުގައެވެ. އުފަންވެވަޑައިގަތްތަނަކީ އީރާޤްގެ ކޫފާއަށެވެ. އޭރު އިސްލާމުންގެ ވެރިކަން ކުރައްވަމުން ގެންދެވީ އައްބާސީ ޚަލީފާއިންނެވެ. މިއީ ކިންދީގެ ބައްޕަގެ އުމުރުގެފަހުކޮޅެވެ.

ކިންދީ ބޮޑުފުޅުވުން

ކިންދީ ވަރަށް ކުޑައިރު ބައްޕާފުޅު ވަނީ އަވަހާރަވެފައެވެ. އެހެންކަމުން މަންމާފުޅުގެ ބެލުމުގެ ދަށުން އެކަލޭގެފާނު ބޮޑުފުޅުވީ ކޫފާގައެވެ. ކިންދީއަށް ތަޢުލީމު ދިނުމަށްޓަކައި މަންމާފުޅުވަނީ ވަރަށް ގިނަގުނަމަސައްކަތް ތަކެއްކުރައްވާފައެވެ. އެގޮތުން ކިންދީ ކުޑައިރު ވަނީ ލިޔަންކިޔަން ދަސްކުރުމުގެ އިތުރަށް ކީރިތި ޤުރުއާންދިރާސާކުރައްވާފައެވެ. އަދި ޢިލްމުލްކަލާމު އުނގެނިވަޑައިގަތެއެވެ.އަދި ހަމައެއާއެކު، ކޫފާއާއި ބަޞަރާއިން ޢިލްމު ހާސިލުކުރުމަށްފަހު ދެން ވަޑައިގަތީ ބަޣްދާދަށެވެ.އެތަނުން ތަފާތު ވައްތަރުވައްތަރުގެ ފޮތްތަކުން ދިރާސާކޮށް އުނގެނިވަޑައިގަތެވެ. މި ފޮތްތަކުގެ ތެރޭގައި ޔޫނާނީ ، ސުރުޔާނީ ، ފާރިސީ އަދި ހިންދީ ފޮތް ތައް ހިމެނެވެ.އަލް ކިންދީ ޚާއްސަކޮށް އުނގެނިވަޑައިގެންނެވި ޢިލްމަކީ ގުރީކް ފަލްސަފާގެ އެރިސްޓޮޓަލް(Aristotle) ޢިލްމާއި ހެލެނިސްޓިކް (Hellenistic) ޢިލްމެވެ.

ކިންދީގެ ޢިލްމުވެރިކަން

ކިންދީއަކީ ފަލްސަފާއާއި، މެޑިސިންއާއި، ހިސާބުޢިލްމާއި ، މަންތިޤާއި ، ޖިއޮމެޓްރިއާއި ، މިއުޒިކާއި، ފަލަކީޢިލްމާއި، ޢިލްމުލްކަލާމާއި، އަދަބާއި، އަޚްލާޤްފަދަ އެތަކެއް ޢިލްމެއް އުނގެނިވަޑައިގެން ހުންނެވި ޢިލްމުވެރިބޭކެލަކެވެ. އަދި ތަރުޖަމާކުރުމަށާއި ޝަރަޙަ ކުރުމަށްވެސް ކުޅަދާނަ ބޭކަލަކެވެ. ވަރަށް ގިނަ ބަސްބަހުގެ ފޮތްތައް ޚާއްސަކޮށް ގުރީކްފަލްސަފާގެ ފޮތްތައް ކިންދީ ޢަރަބިބަހަށް ތަރުޖަމާކުރެއްވިއެވެ. މިކަމުގެ ނަތިޖާއަކަށްވީ ކިންދީ ފަލްސަފާގެ ތެރެޔަށްވަދެވުގެ އިތުރުން އެންމެ ފުރަތަމަ އިސްލާމީ ފިލޯސަފަރަށް ވުމުގެ ޝަރަފް ޙާސިލުވުމެވެ. ކިންދީއަކީ އެކި ކަންކަމާބެހޭ ގޮތުން ތަފާތު މަޢުޟޫތަކަށް ފޮތްތައް ލިޔުއްވި ބޭކަލަކެވެ.އަދި ކިންދީއަކީ އެންމެ ފުރަތަމަ ފިލޯސަފީ އުޞޫލެއް ކަނޑައެޅުއްވިބޭކަލެވެ.އެއީ ހުރިހާޒަމާނެއްގެ ފިކުރުތައްވެސް ހޯދާބަލަންޖެހޭ ކަމުގެ އުސޫލެއްކަނޑައެޅުމެވެ.

ކިންދީ މަސައްކަތްކޮށްފައިވަނީ އިސްލާމީ ފަލްސަފާއި ގުރީކް ފަލްސަފާއި ފުށުއަރާކަންކަމުގައި ފުށުނާރާގޮތަށް މާނަކޮށް ފަލްސަފާއި ދީނާއި ގުޅުވަން މަސައްކަތްކުރެއްވި ބޭކަލެެއްގެ ގޮތުގައެވެ.

އަލްކިންދީ 260 ވުރެގިނަ ފޮތްތައް ލިޔުއްވިކަމަށްވެއެވެ.އޭގެ ތެރެއިން 32ފޮތް ޖިއޮމެޓްރީއަށް ، 22ފޮތް މެޑްސިންއާއި ފަލްސަފާއަށް ،9 ފޮތް މަންތިޤަށް،16 ފޮތް އެސްޓުރުނަމީއަށް، 7 ފޮތް މިއުޒިކަށް، 5 ފޮތް ފިސިއޮލޮޖީއަށް، 11 ފޮތް އެރަތަރމެޓިކްއަށް އަދި 12 ފޮތް ފިޒިކްސްއަށް ލިޔެވުނުކަމަށެވެ. ކިންދީގެ 200 ވަރަކަށް ފޮތްތައްވަނީ ގެއްލިފައެވެ. ޚަލިފާ މުތަވައްކަލްގެ ޒަމާނުގައި ކިންދީ ޖަލަށްލެވި އޭނާގެ ފޮތްތައް ހިފެހެއްޓުމުގެ ނަތީޖާއަކީ އޭނާ ލިޔުއްވި ގިނަފޮތްތައް ގެއްލިދިޔުމެވެ. ކިންދީގެ ބައެއް ފޮތްތައް ލެޓިންބަހަށް ތަރުޖަމާކުރެވިފައިވެއެވެ. (http://en.wikipedia.org/wiki/ Al-Kindi)

ކިންދީ ލިޔުއްވި ބައެއް ފޮތްތަކަކީ :

· الناظر الفلكية

· الغذاء والدواء المهلك

· تهذيب الأخلاق

· -كتاب رسالة في استعمال الحساب الهندسي

· رسالة في علل الأوضاع النجومية

· رسالة في صنعة الإسطرلاب

ފަލްސަފާއާއި ދީނުގެމަގުގައި އަލްކިންދީ

ކިންދީއަކީ ފަލްސަފާ ޤަބޫލުކޮށް އެއަށް އީމާންވީމީހެކެވެ.ފަލްސަފާއި ދީނުގެ ކަންތައްތައް ހޯދުމަށް އޭނާ މަސައްކަތްކޮށްފައިވަނީ ބުއްދި ބޭނުންކޮށްގެންނެވެ. މީނާއަކީ ގުރީކް ފަލްސަފާ މުޅިން ބަރޯސާވީމީހެއްނޫނެވެ. އެހެންނަމަވެސް ގުރީކް ފަލްސަފާތައް ބަލައި ދިރާސާކޮށް އަމިއްލަ ގޮތުގައި މުސްތަޤިއްލު ފަލްސަފާއެއް ހުށަހަޅަން މަސައްކަތްކުރެއްވި މީހެކެވެ. އެގޮތުން އޭނާގެ ފަލްސަފާތަކަކީ :

މެޓަފިސިކްސް

ކިންދީގެ އެންމެ ފުރިހަމަ މަސައްކަތަކީ ޣައިބުގައިވާ ޢިލްމާބެހޭ ގޮތުން އެނާ ލިޔުއްވިފޮތެއެވެ. އެ ފޮތަކީ މެޓަފިސިކަލް ސްޓަޑީގެ މައްޗަށް ލިޔެފައިވާ "ފީ- އަލް ފަލްސަފާ އަލް- ޢޫލާ"އެވެ. އެންމެ ފުރަތަމަ ފަލްސަފާއެވެ. މީގެ މާނަ އަލްކިންދީ ކުރައްވާފައިވަނީ "ފުރަތަމަ ހަޤީގަތުގެ އެންގުންކަމުގައެވެ". ކިންދީގެ މިފަދަ ގިނަ ލިޔުންތަކުން އެރިސްޓޯޓެލިއަންގެ އަސަރު ކޮންމެވެސްވަރަކަށް ފެންނަން ހުރެއެވެ. ނަމަވެސް ކިންދީ އެނާގެ ހުރިހާ ފަލްސަފާއަކާ އެއްބަހެއް ނުވެއެވެ. ހާއްސަކޮށް ދުނިޔޭގެފަލްސަފާއެވެ. އެރިސްޓޯޓެލިއަން ބުނާގޮތުގައި ވަގުތުގެ މާކުރިންވެސް ދުނިޔެވަނީ އުފެދެންފަށާފައެވެ. އެހެންނަމަވެސް ކިންދީ ބުނާގޮތުގައި (creation ex nihilo)" ދުނިޔެ އުފެދުނީ އެއްވެސް އެއްޗަކުންނޫނެއެވެ.

އަލް ކިންދީގެ ވަރަށްގިނަ ފޮތްތަކުގައި ބުއްދީގެ މުހިއްމުކަމާއި ބުއްދީގެ ހަޤީގަތާއި އަޅާކިޔާފައިވެއެވެ. އަދި އޭނާވަނީ ކާއިނާތުގައިވަނީ އެންމެ ކަލާނގެއެއްކަމާއި އެފަރާތާއި އަހަރުމެންނާއި އެއްވެސް ސިފައެއްނުވާކަމާއި އަދި އަހަރުމެންނަށް އެކަލާނގެ ސިފަވެސްނުވާނެކަމަށް އޭނާގެ ސިކުނޑި ބޭނުންކޮށްގެން ހާމަކޮށްދީފައެވެ. އޭނާގެ މިފަލްސަފާއަކީ މުޢުތަޒިލީންވެސް ކަލާނގެ ހާމަކުރާގޮތާއި އެއްގޮތްފަލްސަފާއެކެވެ. މީގެ ސަބަބެއްގެ ގޮތުން ދީނީޢިލްމުވެރިން އޭނާއަށް މުޢުތަޒިލްގެ ލަޤަބުވެސްދީފައިވެއެވެ.

އިންސާނުންގެ ނަޒަރުގައި މަރަކީ ހަށިގަނޑު ވަކިކޮށްފައި ފުރާނަދިޔުމެވެ. ނަމަވެސް އަލްކިންދީ ބުނާ ގޮތުގައި ("the intellec continues") މަރުވިކަމުގައިވިޔަސް ބުއްދި ކުރިޔަށްދާނެއެވެ.

އަލްކިންދީއަކީ ދީނުގެ ކަންތައްތަކާ އެހާވަރަކަށް ޖަދަލުކޮށް ބަހުސްކުރާ މީހެއްނޫނެއެވެ. އެނާ މައިގަނޑަކަށް ބަހުސްކޮށްފައިވަނީ ދުނިޔެއުފެދިފައިވާ ގޮތާބެހޭގޮތުންނެވެ. ސަބަބަކީ އޭރު ފަލްސަފާގެ އެންމެ މަޝްހޫރު ދެފަލްސަފާވެރިންވެސް ބަހުޘްކުރައްވަމުން ގެންދެވީ އެމަޢުޟޫއާ ބެހޭގޮތުންކަމަށްވާތީއެވެ. އެދެ ފަލްސަފާވެރިންނަކީ ހެލެނެސްޓިކް (Hellenistic) އާއި އަރިސްޓޯޓަލިއަން (Aristotelian)އެވެ. މިދެމީހުންގެ ފަލްސަފާ އާ ކިންދީ އެއްގޮތަކަށްވެސް އެއްބަހެއްނުވެއެވެ.

އެތިކްސް

އަލްކިންދީގެ ޢަމަލީފަލްސަފާއާއި ބެހޭގޮތުން އެންމެ ބޮޑަށް ބަހުސްކޮށްފައިވަނީ އޭނާފޮތެއް ކަމުގައިވާ "ފީ-އަލް ހިލާލީ އަލް އަހްޒާން"ގައެވެ. ފަހުމީޖާދެން(އިސްލާމީ ފިލޯސަފަރެއް 1968) ވިދާޅުވާގޮތުގައި ކިންދީވަނީ ސްޓޮއިކުންގެ (Stoic tradition) ޚިޔާލުތަކާއި ގޮތްތަކަށް ވަރަށް ބޮޑަށް ނުފޫޒުފޯރާފައެވެ. އަދި އެހެންމެ އެޒަމާނުގެ އެންމެ މަޝްހޫރު ފިލޯސަފަރެއްކަމަށްވާ އެޕިކްޓެޓަސް (Epictetus) ޚިޔާލުތަކާވެސް އެއްގޮތެވެ. އެޕިކްޓެޓަސް ދެކޭގޮތުގައި އިންސާނާގެ އަމިއްލަ މިނިވަންކަން ކޮންމެ ކަމެއްގާވެސް އޮންނާނެއެވެ. ކިންދީ އޭނާގެ ހުރިހާ ފަލްސަފާތައް ޤަބޫލުކުރިއެވެ.އެހެންނަމަވެސް އެއްވެސްބޭނުމެއްނެތި އަމިއްލައަށް މަރުވުން ހުއްދަކުރެވިދާނެކަމަށްބުނުމުން ކިންދީ ދެކޮޅުހެއްދެވިއެވެ. ސްޓިކުންނެކޭ އެއްފަދައިން އަލްކިންދީވިދާޅުވާގޮތުގައި އޭނާގެ ފޮތްކިޔާމީހުން ވިސްނަންޖެހޭނީ ހަމައެކަނީ އިންސާނާގެ ފުރާނައާއި ސިކުޑީގެ ދުޅަހެޔޮކަމެވެ.

ސައިންސް

އަލްކިންދީވަނީ ފިސިކަލްސައިންސުގެ ރޮގުންވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. ޚާއްސަކޮށް އޮޕްޓިކްސް އާއި ބޭސްވެރިކަމުގެ ރޮގުން ގިނަމަސައްކަތްތަކެއް ކުރައްވާފައިވެއެވެ. މިރޮގުން އޭނާ ކުރިޔަށް ގޮސްފައިވަނީ ހިސާބުޢިލްމު ބޭނުންކޮށްގެންނެވެ.

ކިންދީގެ ޝަހްޞިއްޔަތު

އަލްކިންދީއަކީ ވަރުގަދަ ޝަޙްސިއްޔަތެއްގެ ވެރި ޢިލްމުވެރި ބޭކަލަކެވެ. ތަފާތު ޢިލްމުތައް އުނގެނިވަޑައިގެން ހުންނެވި ކުޅަދާނަ ބޭކަލަކެވެ. ކިންދީގެ ޝަޙްޞިއްޔަތާމެދު ދީނީޢިލްމުވެރިން ފަޑުވިދާޅުވެފައިވެއެވެ. އެގޮތުން އިބްނު ތައިމިއްޔާ ސިފަކުރައްވާގޮތުގައި މިއީ ޔޫނާނުގެ ފިޔޮތްތަކެވެ.އަދި ޔޫނާނުގެ ފަލްސަފާގެ ތެރެއަށް ވަންވަންހެން އެމީހުން އިސްލާމްދީނާދުރުހެލިވަމުން ގޮސްފައިވެއެވެ. އެހެންކަމުން އިބުނު ތައިމިއްޔާ ވިދާޅުވާގޮތުގައި އަލް ކިންދީއަކީ އެދުވަސްވަރުގެ އިސްލާމީ ފިލޯސަފަރެކެވެ. މުސްލިމުންގެ ފިލޯސަފަރެއްނޫންކަމުގައެވެ.

ކިންދީ އަވަހާރަވުން

ކިންދީ އަވަހާރަވި ތާރީޚްވެސް ކަޑައެޅިގެން އެނގޭކަތްނެތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ ކިންދީ އަވަހާރަވީ ހިޖްރައިން 260 ވަނައަހަރު ( މީލާދީން 870 ) ކަމުގައެވެ. އެހެންނަމަވެސް އެންމެ ޞައްހަ ރިވާޔަތަކީ އަލް ކިންދީ އަވަހާރަވެފައިވަނީ ބަޣްދާދުގައި ހިޖްރައިން 252 ކަމުގައެވެ . ގާތްގަޑަކަށް އުމުރުފުޅުން 71 ނުވަތަ 72 ގައެވެ.