ލިޔުނީ : އަހްމަދު ބިން ޢަބްދުއްލަތީފް

ދުނިޔޭގައި ހުރިހައި ކަމެއްވެސް މާތްﷲ ލައްވާފައިވަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ މަތިންނެވެ. މިގޮތުން ރޭދުވާ ދައުރުވުމުގައި ލައްވާފައިވާ އިލާހީ ޙިކްމަތްތަކާއި ސިއްރުތައް އިންސާނެއްގެ ހިތަށް ތަޞައްވުރު ނުކުރެވޭހާވެސް ގިނަގުނައެވެ. ރޭދުވާ ތަކުރާރުވުމުގައި ބިރުވެތިވާ ބަޔަކަށް ހެކިތަކެއްވާކަމަށް ޔޫނުސް ސޫރަތުގައި އަންގަވާފައިވެއެވެ. ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ އަޞްޙާބުން އަދި އޭގެފަހުން ވަޑައިގެންނެވި ތާބިޢީ ބޭކަލުންނާއި ތަބަޢުއްތާބިޢީންނާއި ޞަލަފުއްޞާލިޙުން އެންމެ ބޮޑަށް ސަމާލުކަން ދެއްވި ކަންތައްތަކުގެ ތެރޭގައި އިރާކޮޅު އަވަހާރަފުޅު ލައްޕަވާފައި ރޭއަޅުކަމަށް ތެދުވެވަޑައިގަތުމާއި ޖަމާޢަތުގައި ފަތިސްނަމާދު ކުރެއްވުމާއި ފަތިސްނަމާދަށްފަހު އިރުއަރަންދެން ޛިކުރު ކުރެއްވުން މަތީ ދެމިތިއްބެވުމަށް ސަމާލުކަން ދެއްވުން ހިމެނެއެވެ. އެފަހުން އިސްލާމީ އުންމަތުގެ މީހުންނާއި ކުރިމަތިވި އެންމެ ބޮޑު ކާރިޘާއެއްކަމުގައި މި ދެންނެވި ނިޒާމު އެފުށްމިފުށަށް ޖެހުން ހިމެނެއެވެ. ރޭގަނޑު ވަރަށްދަންވަންދެން ވަކިގަޑިއެއް ހަމަވަންދެން ހޭލައި ތިބުން މިއަދު ވަރަށްގިނަ ބައެއްގެ އާދައަކަށް މިވަނީ ވެފައެވެ. މިކަމުގެ ސަބަބުން ވަރަށްގިނަ މައްސަލަތަކާއި ކުރިމަތި ލާންޖެހެއެވެ. އޭގެތެރޭގައި ފަތިސްނަމާދަށް ނުތެދުވުމާއި ދުވާލުގެ ވަގުތު ތަކުގައި ކުރަން ހުންނަ މަސައްކަތްތައް ހުއްޓުންއެރުމާއި ކައިބޮއި އުޅުމުގައި ނިޒާމެއްނެތުމާއި މިނޫންވެސް ޞިއްޙީ އަދި ނަފްސާނީ އެތައްއެތައް މައްސަލަތަކެއްހިމެނެއެވެ. ޢިޝާނަމާދަށްފަހު މާގިނައިރުތަކެއްނުވެ ނިދާފައި ފަތިސްނަމާދަށް ހޭލަން އާދަކުރުމަކި ކޮންމެ މުސްލިމަކު ލިބިގަންނަންޖެހޭ ވަރަށްރީތި އާދައެކެވެ. އެއީ ފަލާޙާއި ކަމިޔާބުގެ އަޞްލުކަމުގައި ބަލާށެވެ. ކީރިތި ރަސޫލާ ކުރެއްވި ދުޢާއެއްގެ މާނައިގައި ވެއެވެ.

" ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންކަލޭގެފާނުގެ އުންމަތަށް އެއުންމަތުގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތް ލައްވާފަނދޭވެ!"

ފަތިސްނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ޚާއްޞަކޮށް ޖަމާޢަތުގައި އަދާކުރުމަށް ރައްކާތެރިވުމަކީ ގުނައި އަދަދުވެސް ނުކުރެވޭހައި ގިނަގުނަ ދަރުމައާއި ޘަވާބު އެމީހަކަށް ﷲ ގެ ޙަޟްރަތުން ދެއްވާނެކަމެކެވެ. ކިރިތި ޤުރުއާނުގައި މާތް ﷲ ވަޙިކުރެއްވިއެވެ.

]أَقِمِ الصَّلَوةَ لِدُلُوْكِ الشَّمْسِ إِلَى غَسَقِ الَّيْلِ وَقُرْءَانَ الفَجْرِ إِنَّ قُرْءَانَ الفَجْرِ كَانَ مَشْهُوْدَا [ (الإسراء 78) މާނައީ، " އިރުމެދުން ފިލުމުން ރޭގަނޑުގެ އަނދިރިކަން އަންނަ ވަގުތާއި ހަމައަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ. (އެބަހީ މެންދުރު ނަމާދާއި ޢަޞުރުނަމާދާއި މަޣުރިބްނަމާދާއި ޢިޝާނަމާދެވެ.) އަދި ފަތިސްނަމާދު ކުރައްވާށެވެ. ހަމަކަށަވަރުން ފަތިސްނަމާދަކީ (ރޭގަނޑު އިންސާނާ ބަލަހަށްޓަވާ މަލާއިކަތުންނާއި ދުވާލު އޭނާބަލަހަށްޓަވާ މަލާއިކަތް ބޭކަލުންގެ ފަރާތް ޕުޅުން) ހެކި ލިބިގެންވާ ނަމާދެކެވެ."

މިއާޔަތުގައި ފަތިސްނަމާދަށް ނަންދެވިފައި އެވަނީ "ޤުރުއާނުލް ފަޖްރި" ގެ ނަމުންނެވެ. އެނަމުން ނަންދެވިފައިވަނީ އެހެނިހެން ނަމާދުތަކާއި ޚިލާފަށް ފަތިސްނަމާދުގައި ތަންކޮޅެއް ދިގުކޮށް ޤުރުއާން ކިޔެވުން މުސްތަޙައްބު ވެފައިވާތީއެވެ. މިއާޔަތުން އެނގޭ ގޮތުގައި ފަތިސް ނަމާދު ކުރާމީހާއަށް ﷲ ގެ ޙަޟްރަތުގައި އެކަލާނގެ މަލާއިކަތުން އޭނާ ފަތިސްނަމާދު ކުރާކަމަށް ހެކިވެ ވަޑައިގަންނަވާނެތެވެ. މިއަށްވުރެ ވަކި މަތިވެރި ފަޚްރަކާއި ޝަރަފް އިންސާނަކަށް ލިބޭނެތޯއެވެ؟ ކީރިތި ރަސޫލާގެ ނަބަވީ ބަސްފުޅަކުންވެސް މިކަން ސާބިތުވާން އެބައޮތެވެ. ﷲ ރުއްސުން ލެއްވި އަބޫހުރައިރަތުގެ ފާނުގެ ކިބައިން ރިވާވެގެންވެއެވެ.

أن رسول الله z قال : " يَتَعَاقَبُوْنَ فِيْكُمْ مَلاَئِكَةٌ بِالَّيْلِ وَمَلاَئِكَةٌ بِاالنَّهَارِ وَيَجْتَمِعُوْنَ فِيْ صَلاَةِ الْفَجْرِ وَصَلاَةِ العَصْرِ ثُمَّ يَعْرُجُ الَّذِيْنَ بَاتُوا فِيْكُمْ فَيَسْأَلُهُمْ رَبُهُمْوَهُوَ أَعْلَمُ بِهِمْكَيْفَ تَرَكْتُمْ عِبَادِيْ؟ فَيَقُوْلُونَ : تَرَكْنَاهُمْ وَهُمْ يُصَلُّونَ وَأَتَيْنَاهُمْ وَهُمْ يُصَلُّونَ " މާނައީ ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ﷲ ގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރޭގައި އެއްބައެއްގެ ފަހަތުން އަނެއްބަޔަކު ބަދަލުވެވޭ ތިބޭގޮތުގައި ރޭގަނޑުގެވެސް މަލާއިކަތުން އަދި ދުވާލުގެ ވެސް މަލާއިކަތުން މާތް ﷲ ލައްވާފައިވެއެވެ. އެބޭކަލުން އެއްބަޔަކު އަނެއްބަޔަކާއި ބައްދަކުވަނީ ފަތިސްނަމާދާއި ޢަޞުރު ނަމާދުގައެވެ. ދެން ރޭގނަޑު ތިޔަބައި މީހުންގެ ގާތުގައި ތިއްބެވި މަލާއިކަތުން ﷲ ގެ ޙަޟްރަތަށް ވަޑައިގަންނަވާނެތެވެ. ދެން އެބޭކަލުންގެ ވެރިރަސްކަލާނގެ އެބޭކަލުންނާއި ސުވާލު ކުރައްވާނެތެވެ. (އެކަލާނގެއީ އެމީހުންގެ ހުރިހައިކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.) ތިޔަބޭކަލުން ތިމަން ރަސްކަލާނގެ އަޅުތަކުންނާއި ވަކިވެވަޑައިގަތީ ކޮންފަދަ ޙާލެއްގައި އެމީހުން ވަނިކޮށް ހެއްޔެވެ؟ ފަހެ އެބޭކަލުން ދަންނަވާނެތެވެ. ތިމަން ބޭކަލުން އެމީހުންނާއި ވަކިވީ އެމީހުން ނަމާދު ކުރަން ތިއްބައެވެ. އަދި އެމީހުންގާތަށް އައީވެސް އެމީހުން ނަމާދު ކުރަން ތިއްބައެވެ.

މާތ ރަސްކަލާނގެ ރުއްސުން ލެއްވި ޢުޘްމާނު ބިން ޢައްފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

سَمِعْتُ رَسُولَ الله z يَقُولُ : مَنْ صَلَّى الْعِشَاءَ فِيْ جَمَاعَةٍِ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ وَ مَنْ صَلَّى الصُبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ މާނައީ "ސަލާމާއި ޞާލަވާތްލެއްވި ރަސޫލުﷲގެ ފާނު ޙަދީޘްކުރައްވަނިކޮށް ތިމަން ކަލޭގެފާނު އަޑުއެއްސެވީމެވެ. ޖަމާޢަތުގައި ޢިޝާނަމާދުކޮށްފިމީހާ ރޭގަނޑުން އެއްބައިގައި އަޅުކަންކުރިފަދައެވެ. އަދި ޖަމާޢަތުގައި ފަތިސްނަމާދު ކޮށްފިމީހާ މުޅި ރޭގަނޑު އަޅުކަން ކުރިފަދައެވެ."

މާތްރަސްކަލާނގެ ރުއްސުންލެއްވި އަބޫހުރައިރަތުގެ ފާނު ކިބައިން ރިވާވެގެންވާ އެހެން ބަސްފުޅެއްގައި އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ

قاَلَ النَّبِي z: إِنَّ أَثْقَلَ صَلاَةٍ عَلَى المْنُاَفِقِيْنَ صَلاَةُ الْعِشَاءِ وَصَلاَةُ الْفَجْرِ وَلَوْ يَعْلَمُونَ مَا فِيْهِمَا َلأَتَوْهُمَا وَلَوْ حَبْوًا މާނައީ "ސަލާމާއި ޞަލާވާތްލެއްވި ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. މުނަފިގުންގެ މައްޗަށް އެންމެ ބުރަހެލިކަންބޮޑު އުނދަގޫ ނަމާދަކީ ޢިޝާނަމާދާއި ފަތިސްނަމާދެވެ. އެދެނަމާދުގައި އެކުލެވިފައިވާ ދަރުމައާއި ޘަވާބުގެ މަތިވެރިކަން އެބައިމީހުންނަށް އެނގޭނަމަ ފިރުކިފައިވެސް އެދެނަމާދަށް އެބައިމީހުން އައީހެވެ."

މީގެ އިތުރުން ފަތިސްނަމާދުގެ ބަންގީގައިވެސް އެހެނިހެން ނަމާދުތަކުގެ ބަންބީގައި ނުހިމެނޭ ޢިބާރާތެއް ކީރިތި ރަސޫލާވަނީ ހިމަނުއްވާފައެވެ. އެއީ ވަގުތާއި ގުޅޭނެ ވަރަށް އެކަށޭނެ ޝިޢާރެކެވެ. އާދެ! الصَّلاَةُ خَيْرٌ مِنَ النَّومِ މާނައީ " ނިދާފައި އޮތުމަށްވުރެ ނަމާދު މާ ހެޔޮކަން ބޮޑެވެ."

ފަތިސްނަމާދާއި މެދު ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ އެހެން ސަބަބެއްވެސް އެބައޮތެވެ. އެއީ ނަމާދަށް ރައްކާތެރިވުމަށް އަންގަވާފައި މެދުނަމާދާއި މެދު ވަކިން ބޮޑަށް ސަމާލުވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައި ވާތީއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މެދުނަމާދަކީ ފަތިސް ނަމާދެވެ. މެދުނަމާދަކީ ޢަޞުރު ނަމާދު ކަމުގައިވެސް ވާރިދު ވެފައި އެބަހުއްޓެވެ. ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭގޮތުގައި ފަތިސްނަމާދަށް ރައްކާތެރިވާމީހާ ސުވަރުގެ ވަންނަ ހުއްޓެވެ. އަދި އެމީހާ ވާހުށީ ﷲގެ ޛިއްމަތުގައެވެ. ޝައްކެތްނެތް ގޮތުގައި ﷲގެ ޛިއްމަތުގައި ވެއްޖެމީހާއަށް އެކަލާނގެ ޢިނާޔަތާއި މަދަދާއި ޙިމާޔަތް ލިބިލިބި ހުންނާނެކަން ޔަޤީނެވެ.

ފަތިސްނަމާދުގެ މާތްކަން އަޅުގަނޑުމެންނަށް އެގި އެނަމާދަށް ސަމާލުކަން ދޭންޖެހޭ ފަދައިން އެނަމާދަށްފަހު އިރުއަރަންދެން ޛިކުރުކުރުންމަތީ ދެމިތިބުމަކީވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެކެވެ. ހުރިހައި ވަގުތު ތަކެއްގައިވެސް ﷲގެ ރަސްކަންފުޅު ހަނދުމަކޮށް ޛިކުރުކުރުމަކީ އިސްލާމް ދީން ވަރަށްބޮޑަށް ބާރުއަޅާ ކަމެކެވެ. ކީރިތި ޤުރުއާނުގެ ވަރަށްގިނަ އާޔަތްތަކުގައި ގިނަގިނައިން ޛިކުރު ކުރުމަށާއި ޛިކުރުކުރުން މަތީ އަބަދާއި އަބަދު ދެމި ތިބުމަށް އަމުރު ކުރައްވާފައި ވެއެވެ. އެގޮތުން އެއް އާޔަތެއްގައި ވަޙީ ކުރައްވަނީ

يَأَيُّهَا الَّذِينَ ءَامَنُوا اذْكُرُوا اللهَ ذِكْرًا كَثِيْرًا މާނައީ "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ. ތިޔަބައި މީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން މާތްރައްކަލާނގެ ރަސްކަން ފުޅު ހަނދުމަކޮށް އުޅޭށެވެ!"

އެބަހީ ޛިކުރު ކުރުން ގިނަ ކުރާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ އަޅުކަމެއްވެސް ފަރުޟު ކުރައްވާފައިވަނީ ވަކި މިންވަރުތަކެއް ކަނޑަ އަޅުއްވާފައެވެ. ޢުޛުރުވެރިވާ ޙަލަތްތަކުގައި ކަންތައްތައް ކުރަންވާ ގޮތްވެސް ބަޔާން ކޮށްދެއްވާފައި ވެއެވެ. އެހެންނަމަވެސް ޛިކުރު ކުރުމަށް އަންގަވާ ވަކި މިންވަރެއް ކަނޑައަޅުއްވާފައި ނުވެއެވެ. ކޮޅަށް ހުރެގެންނާއި އިށީނދެ އިނދެގެންނާއި އޮށޯވެ އޮވެގެންވެސް ޛިކުރު ކުރުމަށް އަންގަވާފައި ވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.

فَإِذَا قَضَيْتُمُ الصَّلاَةَ فَاذْكُرُوا الله قِيَمًا وَقُعُودًا وَعَلَى جُنُوبِكُمْ މާނައީ "ތިޔަބައި މީހުން ނަމާދުކޮށް އަވަދިވެއްޖެނަމަ ފަހެ ތިޔަބައި މީހުން މާތްރައްކަލާނގެ ރަސްކަން ފުޅު ހަނދުމަކޮށް ޛިކުރުކޮށް އުޅޭށެވެ. ކޮޅަށް ތިބޭ ޙާލުގައްޔާއި އިށީނދެ ތިބޭ ޙާލުގައްޔާއި އަދި ތިޔަބައި މީހުން އޮށޯވެ ތިބޭ ޙާލުގައެވެ."

ޛިކުރުކުރުމަކީ ހުރިހައި ވަގުތު ތަކެއްގައިވެސް ކުރަންޖެހޭ ކަމަކަށް ވުމުގެ އިތުރުން އެކަމަށް ވަކިން ބޮޑަށް ސަމާލުކަން ދޭންޖެހޭ ވަގުތު ތަކެއްވެސް ކަނޑައެޅިފައި ވެއެވެ. އެވަގުތު ތަކުގައި އެކަމަށް ވަކިން ބޮޑަށް ސަމާލުކަން ދީފިނަމަ ލިބޭ ޘަވާބާއި ދަރުމަވެސް އިތުރުވެގެން ދާނެއެވެ. ރޭގަނޑުގެ ވަގުތު ތަކުގެ ތެރެއިން ޛިކުރު ކުރުމަށް އެންމެ އިތުރުކަން ބޮޑު ވަގުތަކީ ރޭގަނޑު ތިންބައިގެ ތެރެއިން ފަޖުރުލުމާއި ހަމައަށް އޮންނަ އެންމެ ފަހުބައެވެ. ދުވާލުގެ ވަގުތުތަކުގެ ތެރެއިން ޛިކުރު ކުރުމަށް އޮތް އެންމެ ރަނގަޅު ވަގުތަކީ ފަތިސް ނަމާދަށްފަހު އިރުއަރަންދެން އޮންނަ ވަގުތެވެ. އަދި އަޞުރު ނަމާދަށްފަހު އިރުއޮއްސުމުގެ ކުރިން އެއޮންނަ ވަގުތެވެ. މާތްﷲ ވަޙިކުރެއްވިއެވެ.

كَانُوا قَلِيْلاً مِنَ الَّيْلِ مَا يَهْجَعُونَ . وَ بِاْلأَسْحَارِ هُمْ يَسْتَغْفِرُونَ މާނައީ "އެމީހުން ރޭގަނޑު ނިދައި އުޅޭނީ ވަރަށް ކުޑަވަގުތު ކޮޅެއްގައެވެ. އަދި ރޭގަނޑު ދަންވަރު އެމީހުން އިސްތިޣުފާރު ކުރެތެވެ."

އަދި އެހެން އަޔަތެއްގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

وَسَبِحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ އަދި އިރު އެރުމުގެ ކުރީގައްޔާއި އިރުއޮއްސުމުގެ ކުރީގައި ކަލޭގެ ފާނު ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނގެ ޙަޟްރަތަށް ޙަމްދު ކުރުމާއެކު ތަސްބީޙަ ވިދާޅުވާށެވެ." (އެބަހީ އެވަގުތު ތަކުގައި ކުރުމަށް ކަނޑައެޅިފައިވާ ނަމާދުތައް އިރު އެރުމުގެ ކުރިން އަދި އިރުއޮއްސުމުގެ ކުރިން ނިންމައި ﷲ ގެ ޙަޟްރަތަށް ޙަމްދު ކުރުމުގައިޔާއި ތަސްބީޙަ ވިދާޅު ވުމުގައި މަޝްޣޫލުވެ ވަޑައި ގަންނަވާށެވެ.)

ފަތިސްނަމާދަށްފަހު އިރުއަރަންދެން ޛިކުރު ކުރުންމަތީ އިނދެ އެވަގުތު އިޙްޔާ ކުރުމަކީ ވަރަށް މަތިވެރި ދަރުމައާއި ޘަވާބު އެމީހަކަށް އެމީހަކަށް ލިބިގެންދާނެ ކަމެއްކަން ކީރިތި ރަސޫލާގެ ބަސްފުޅު ތަކުން އެނގެން އެބަހުއްޓެއެވެ. އެކަލޭގެ ފާނު ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ޖަމާޢަތުގައި ފަތިސްނަމާދުކޮށް އިރުއަރަންދެން ﷲ އަށް ޛިކުރުކުރަން އިނދެ އިރުއެރުމަށްފަހު (މަކުރޫހަ ވަގުތު ފިލާހާ ވަރަށް ކުޑަތަންކޮޅެއް މައްޗަށް އިރުއެރުމަށްފަހު) ދެރަކުޢަތް ނަމާދެއް ކޮށްފިމީހާ އޭނާއަށް ޙައްޖަކާއި ޢުމުރާއަކުން ލިބޭފަދަ ޘަވާބާއި ދަރުމަ ލިބި ދެވޭހުއްޓެވެ." އަދި މާތްރައްކަލާނގެ ރުއްސުންލެއްވި ޖާބިރު ބިން ސަމްރާގެ ކިބައިން ރިވާވެގެންވެއެވެ.

أَنَّ النَّبِي z: كَانَ إِذَا صَلَّى الصُّبْحَ جَلَسَ يَذْكُرُالله حَتَّى تَطْلُعَ الشَّمْسَ މާނައީ ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާ ފަތިސްނަމާދު ކުރައްވައިފިނަމަ އިރުއަރައްޖެއުމައް ދާންދެން ﷲ އަށް ޛިކުރުކުރައްވަން އިށީނދެ ވަޑައިގެން އިންނަވައެވެ."

މިވަގުތުގައި ކިޔުމަށް أَذْكَارُ الصَّبَاحِ "ހެނދުނުގެ ޛިކުރުތައް" މިނަމުން މަޝްހޫރުވެފައިވާ ދުޢާތައް ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވެއެވެ. ވީމާ ޙަމްދު ތަސްބީޙައާއި ތަކްބީރުކިޔައި އިސްތިޣްފާރުކޮށް ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ދުޢާތައް ފަތިސްނަމާދުގެ ފަހުގައި ކިޔައި އުޅުމަށް އާދަކުރަންވާނެއެވެ. އެއީ ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ އަޞްހާބުންނާއި ސަލަފުއްޞަލިޙުން ދުވަސްތައް ފައްޓަވާފައިވާ ގޮތެވެ. "ޙިލްޔަތުލް އައުލިޔާއި" މި ފޮތުގައި އަބޫ ނުޢައިމު ރިވާކުރެއްވިއެވެ. "މާތްރައްކަލާނގެ ރުއްސުްނލެއްވި ޢަމްރު ބުނުލްޢާޞް ފަތިސްނަމާދުގެ ފަހުން މީހެއްގެ ކައިރން ހިންގަވާފައި ވަޑައިގަތެވެ. އޭނާ އޮތީ ނިދާފައެވެ. ފަހެ އެކަލޭގެފާނުގެ ފައިން ޕުޅުން އޭނާއަށް ހޭލެވެންދެން ޙަރަކާތް ކޮށްލެއްވިއެވެ. އަދި އޭނާއަށް ވިދާޅުވިއެވެ. "ހަމަކަށަވަރުން ﷲ ސުބުޙަނަހޫ ވަތަޢާލާ ވިވަގުތު އެކަލާނގެ އަޅުތަކުންނަށް ބައްލަވައި ވޮޑިގަންނަވައި އެމީހުންގެ ތެރެއިން ޖަމާޢަތެއްގެ ބަޔަކު އެކަލާނގެ ރަހްމަތުގެ ސުވަރުގެ ތެރެއަށް ވައްދަވާކަން ކަލެއަށް ނޭގެނީހެއްޔެވެ؟" ޒަދުލް މަޢާދުގައި އިބުނުލްޤައްޔިމް ލިޔުއްވާފައި ވެއެވެ. މާތް ރަސްކަލާނގެ އެދެބަފައި ކަލުންނަށް ރުއްސުން ލެއްވި ޢަބްދުﷲ ބިން ޢައްބާސް އަށް އެކަލޭގެފާނުގެ ފިރުހެން ބޭފުޅަކު ހެނދުނުގެ ވަގުތުގައި އަވަހާރަފުޅު ލައްޕަވާފައި އޮންނަނިކޮށް ފެނިވަޑައިގެން އެދަރިކަލުންނަށް ވިދާޅުވިއެވެ. "ތެދުވާށެވެ. އެވަގުތުގައި ރިޒުޤުތަށް ބެހިގެންދާވަގުތު ނިދަނީހެއްޔެވެ."

ފަތިސްނަމާދުގެ ޖަމާޢަތް ހޯދުމަށާއި ފަތިސްނަމާދަށްފަހު އިރުއަރައްޖައުމަށް ދާންދެން ޛިކުރުކުރުންމަތީ މަޝްޣޫލުވެ ހުރުމަށްޓަކައި އިރާކޮޅު ނިދަން އާދަ ކުރަންވާނެވެ. ޢިޝާނަމާދަށްފަހު އެތަށް އިރެއްވަންދެން ހޭލައިހުރެ 2 ނުވަތަ 3 ޖަހާފަހުން ނިދަން އޮށޯތިމައި ގިނަފަހަރު ފަތިސްނަމާދަށްވެސް އޮންނާނީ ނުތެދުވިފައެވެ. ދުވަސް ފެށުމާއި ދުވަހުގެ މަސައްކަތް ނިންމުމުގައި ރޭދުވާ ތަކުރާރުވުމަށް ﷲ ލައްވާފައިވާ ފުރިހަމަ ނިޒާމް މަތީ އަޅުކަންތަކަށްވެސް ބުރޫ ނައަރާގޮތަށް ޕްރޮގްރާމްތަށް ރާވާނަމަ މީހާ ހުންނާނީ ވަރށްފުރުހަމަ އިލާހީ ތަރުބިއްޔަތަކަށް ހޭނިފައެވެ. ﷲގެ ރަހްމަތާއި ފަޟްލަވަންތަވެރިކަމަށް އެދޭ މީހުން މަސައްކަތްކުރަންޖެހޭނެ ގޮތަކީވެސް އެއިއެވެ. އެގޮތުގައި މަސައްކަތް ކުރާބަޔަކަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ކާމިޔާބު ލިބެމުންދާނެކަން ޔަޤީނެވެ.