ابراهيم بن ادهم އަކީ ހެޔޮލަފާ ޞާލިޙު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންވާ ބޭކަލެކެވެ. އެއްދުވަހަކު ބަޞަރާގެ ބާޒާރުން ވަޑައިގަތެވެ. އެވަގުތު އޭނާގެ އަރިހަށް ދިޔަ ބަޔަކު މީހުން އޭނާއަށް ދެންނެވިއެވެ. އޭ އަބޫ އިސްޙާޤެވެ! އަހަރެމެންނަށް މިވީ ކިހިނެކުންތޯއެވެ. އަހަރެމެން ދުޢާކުރަމެވެ. ނަމަވެސް އަހަރެމެންނަށް ދުޢާ އިޖާބައެއް ނުވެއެވެ. ޖަވާބުގައި އަބޫ އިސްޙާޤު ވިދާޅުވިއެވެ. ކަލޭމެންގެ ހިތްތައް ދިހަކަމަކުން މަރުވެފައިވެއެވެ.

ފުރަތަމައީ: ކަލޭމެން ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގެން ވަމުއެވެ. ނަމަވެސް އެކަލާނގެ ޙައްޤު ކަލޭމެން އަދާ ނުކުރީމުއެވެ.

ދެވަނައީ: رسول الله صلى الله عليه وسلم އަށް ލޯބިވާ ކަމުގައި ކަލޭމެން ދަޢުވާކޮށްފީމުއެވެ. ނަމަވެސް ކަލޭމެން އެމާތް ޞާޙިބާގެ ސުއްނަތް ދޫކޮށްލައިފީމުއެވެ.

ތިންވަނައީ: ކަލޭމެން ﷲ ގެ ފޮތް ކީރިތި ޤުރުއާނު ކިޔަވައިފީމުއެވެ. އެކަމަކު އެފޮތަށް ކަލޭމެން ޢަމަލެއް ނުކުރީމުއެވެ.

ހަތަރުވަނައީ: ﷲ ތަޢާލާގެ ނިޢުމަތްތައް ކަލޭމެން ކައިހަދައިފީމުއެވެ. އެކަމަކު އެނިޢުމަތްތަކުގެ ޝުކުރު އަދައެއް ނުކުރީމުއެވެ.

ފަސްވަނައީ: ހަމަކަށަވަރުންވެސް ޝައިތާނާއަކީ ކަލޭމެންގެ ޢަދުއްވެއް ކަމުގައި ކަލޭމެން ބުނެފީމުއެވެ. ނަމަވެސް ކަލޭމެން އުޅެނީ އެއާ އެއްގޮތަކަށެވެ. އަދި ޝައިތާނާއާ ޚިލާފެއް ކަލޭމެން ނުވީމުއެވެ.

ހަވަނައީ: ހަމަކަށަވަރުން ސުވަރުގެއަކީ ޙައްޤު ތެދު ކަމުގައި ކަލޭމެން ބުނެ އިޢްތިރާފު ވެއްޖައީމުއެވެ. ނަމަވެސް ކަލޭމެން އެސުވަރުގެއަށް ވަދެވޭނެ ފަދަ ޢަމަލެއް ނުކުރީމުއެވެ.

ހަތްވަނައީ: ހަމަކަށަވަރުން ނަރަކައަކީ ޙައްޤު ތެދު ކަމުގައި ކަލޭމެން ބުނެފީމުއެވެ. އެކަމަކު ކަލޭމެން އެއާ ދުރަށް ފިލާކަށް ނުދުވީމުއެވެ.

އަށްވަނައީ: ހަމަކަށަވަރުން މަރަކީ ޙައްޤު ތެދު ކަމުގައި ކަލޭމެން ބުނެފީމުއެވެ. އެކަމަކު ކަލޭމެން އެމަރަކަށް ތައްޔާރެއް ނުވީމުއެވެ.

ނުވަވަނައީ: ކަލޭމެން ނިދިން ހޭލައިފީމުއެވެ. ދެން ފަހެ ތިޔަބައިމީހުން މީސްތަކުންގެ ޢައިބުތައް ބަޔާންކުރުމުގައި މަޝްޣޫލުވެގެން ވީމުއެވެ. އަދި ކަލޭމެންގެ އަމިއްލަ ޢައިބުތައް ހަނދާންނެތި ކޮށްލައިފީމުއެވެ.

ދިހަވަނައީ: މަރުވެފައިވާ ކަލޭމެންގެ އަޚުން ކަލޭމެން ވަޅުލައިފީމުއެވެ. އެކަމަކު ކަލޭމެން އެމީހުންގެ ކިބައިން ޢިބުރަތެއް ލިބިއެއް ނުގަތީމުއެވެ.