ޑރ. ޒާކިރު ނައިކް މިމަހު 25 ވަނަ ދުވަހު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. ޑރ. ޒާކިރު ނައިކް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީ އިން ދެއްވި ދައުވަތަކަށެވެ.



ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު އަހަރުގެ އޮކްޓޯބަރު 18 ވަނަ ދުވަހު އިންޑިޔާއަށް އުފަންވި ޑޮކްޓަރ ޒާކިރު ނާޔަކް އަކީ ޕީއެޗްޑީ ޑޮކްޓަރެއް ނޫންނަމަވެސް ބޭސްވެރިކަމުގެ ގޮތުން އޭނާ ވަނީ ޑިގްރީ ހާޞިލް ކުރައްވައި އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައެވެ. ބޭސްވެރިކަމުގެ މަސައްކަތް ހުއްޓާލައި 1991 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ އިސްލާމްދީން ފެތުރުމާއި ދީނަށް ގޮވާލުމާއި މިކަންކަމުގައި ޙަރަކާތްތެރިވަމުންނެވެ. ޑރ. ޒާކިރު ނައިކްގެ މި ދަތުރުފުޅުގައި އަރިހުގައި ދަރިފުޅު ފާރިޤް ޒާކިރު ނައިކްގެ އިތުރުން އަނބިކަނބަލުން ފަރުޙަތު ނައިކްވެސް ވަޑައިގަންނަވައެވެ. 
ޒާކިރު ނައިކްގެ މިދަތުރުފުޅުގައި މިމަހު ( މޭއި ) މަހުގެ 27 އަދި 28 މި ދެދުވަހު ޢާއްމުކޮށް ހުޅުވާލައިގެން ދެ ދަރުސެއް ދެއްވާނެއެވެ. މިދަރުސްތައް އޮންނާނީ ސްޓޭޑިއަމް ސަރަހައްދުގެ އެއް ނަންބަރާއި ދެ ނަންބަރު ދަނޑުގައެވެ. 27 ވަނަ ދުވަހުގެ ރޭ ބޭއްވޭ ދަރުސްގައި ފުރަތަމަ އެއްގަޑިއިރު ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ ޑރ. ޒާކިރު ނައިކުގެ ދަރިކަލުން ފާރިޤް ޒާކިރުނައިކް އެވެ. އަންހެން ބޭކަނބަލުންނަށް ޚާއްސަކޮށްގެން ޒާކިރު ނާއިކްގެ އަނބިކަބަލުން ދެއްވާ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 29 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައެވެ. މިދަރުސްތަކުގައި ތަޤްރީރުކުރައްވެވުމަށް ހަމަޖެހިފައިވަނީ އިނގިރޭސިބަހުންނެވެ.
• މިފަދަ ވަގުތުތަކަކީ ބައިބައިވުމުގެ ބަދަލުގައި އެއްބައިވަންތަވެ އަޅުގަނޑުމެންގެ މެދުގައި އޮތް އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ރާއްޖޭގައި ވަކިހިތްޕަމުން އަންނަ ލާދީނީ ފިކުރުތައް ނައްތާލުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ވީމާ މިފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުރިހާ އަޚުންނަށް ވަޞިއްޔަތް ކުރަން. މާތްﷲ ޒާކިރު ނައިކްގެ މި ދަތުރުފުޅުގައި ބަރަކާތް ލައްވައި އިސްލާމްދީނަށް ފުރިހަމަ ކާމިޔާބާއި ނަސްރު ދެއްވާށި! އާމީން.