މުޖާހިދަކު އަންހެނުންނަށް ފޮނުވި ފަހު ސިޓީ

- ޣާޒީ އަންވަރު ޕާޝާ އަކީ ތުރުކީ ވިލާތުގެ ހިތްވަރު ގަދަ މުޖާހިދެކެވެ. އޭނާއަކީ އުމުރުގެ ބޮޑުބައި އިސްލާމްދީނުގެ ދުޝްމަނުންނާ ހަނގުރާމަ ކުރުމުގައި ހޭދަކޮށްފައިވާ މީހެކެވެ. އޭނާ ޝަހީދުވީ ރަޝިޔާ މީހުންގެ އަތުންނެވެ. އޭނާ ޝަހީދުވުމުގެ އެއް ދުވަސް ކުރީން އޭނާގެ އަންހެނުން ނާޖިޔާ ސުލްޠާނާއަށް ސިޓީއެއް ފޮނުވިއެވެ. މި ސިޓީ ނާޖިޔާ ތުރުކީ ވިލާތުގެ ނޫސްތަކުގައި ޝާއިޢު ކުރިއެވެ. އަދި އޭގެ ފަހުން 22 އޭޕްރީލް 1923 ވަނަ އަހަރު އިންޑިޔާގެ ނޫސްތަކުގައި ވެސް މި ސިޓީ ޝާއިޢު ކޮށްފައިވެއެވެ.

މިއީ ވަރަށް އަސަރުގަދަ ސިޓީ އެކެވެ. އުޘްމާނީ ދުވަސްވަރުގެ މުޖާހިދެއްގެ ހިތުގެ ޝުޢޫރުތަކެވެ.

http://click4islam.com/img/kk_1.pngއަހަރެންގެ އެންމެ ލޯބިވާ ނާޖިޔާ އެވެ.

އަހަރެންގެ ޙަޔާތުގެ ބައިވެރިޔާއެވެ. އަހަރެންގެ އުފާތަކުގެ ފެން އާރެވެ.

އެންމެ ލޯބިވާ ނާޖިޔާ އެވެ. ނާޖިޔާގެ މައްޗަށް ބައްލަވާ ވޮޑިގެންވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. ނާޖިޔާ އަހަންނަށް އެންމެ ފަހުން ފޮނުވި ސިޓީ އަހަރެންގެ ކުރިމަތީގައި މިހާރު ވެސް އެބައޮތެވެ. ޤަބޫލު ކުރާށެވެ. ނާޖިޔާގެ މި ސިޓީ ވާނީ އަބަދުވެސް އަހަންނާ އެންމެ ގާތުގައެވެ. އަހަންނަކަށް ނާޖިޔާގެ މޫނެއް ނުފެނެއެވެ. ނަމަވެސް ނާޖިޔާ ފޮނުވި ސިޓީގެ ދެ ފޮޅުވަތުގެ ދޭތެރެއިންނާއި ދެ ލަފްޡުގެ ދޭތެރެއިން، ފޭލިގޭގެ އެތެރޭގެ އަނދިރީގެ ތެރޭގައި އަހަރެންގެ ބޮލުގެ އިސްތަށިތަކާ ކުޅެލަމުން ދިޔަ ކަލާގެ ރީތި އިނގިލިތައް އަހަންނަށް ފެންނަމުން އެބަދެއެވެ. އަދި ދޭތެރެ ދޭތެރެއިން ކަލާގެ ތަސްވީރު އަހަރެންގެ ލޮލަށް ފެންނަމުން ދެއެވެ. އެހެންނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ ކަލާ ތިޔަ ބުނަނީ އަހަރެން ކަލާގެ މަތިން ހަނދާން ނައްތާލިއްޔޭ އެވެ. އަދި ކަލާގެ ލޯތްބަށް އަހަރެން އަޅާނުލައޭ ވިއްޔާއެވެ.

ކަލާ ތިޔަ ބުނަނީ އަހަރެން ކަލާގެ ލޯބި ލޯބި ހިތް ކުދިކުދި ކޮށްލައިފި ކަމަށެވެ. އަދި ތިޔަ ބުނަނީ މާ ދުރުގައިވާ ބިރުވެރި ތަނެއްގައި އަލިފާނާއި ލެއާއި ކުޅެނީއޭއެވެ. އަދި ތިޔަ ބުނަނީ ރޭގަނޑު އިންތިޒާރެއްގައި، އުޑުގައިވާ ތަރިތައް ގުނަމުންދާ އަންހެނާގެ މަތީން ހަނދާން ވެސް ނުކުރާ ވާހަކަ ވިއްޔާއެވެ.

މަށަކީ ހަނގުރާމައަށާއި މަގޭ ކަނޑިއަށް ލޯބިކުރާ މީހަކު ކަމުގައި ވެސް ކަލާ ބުނެފީމުއެވެ. ނަމަވެސް ކަލާ މި އިބާރާތްތައް ލިޔުނުއިރު، އަހަރެންގެ ހިތް އޮތް ގޮތެއް ކަލާއަކަށް ނޭނގެއެވެ. ޝައްކެއް ވެސް ނެތެވެ. ކަލާ މި އިބާރާތްތައް ލިޔެފައި ވަނީ އިޚްލާސްތެރިކަމާ އެކުގައެވެ. އަހަރެން ދެކެވާ ފުން ލޯތްބާއި، ފިދާވުމުގެ ޖަޒްބާތާ އެކުގައެވެ. ކަލާއަށް އަހަރެން ބުނެދޭން ހަދާނީ ކިހިނެއް ހެއްޔެވެ؟ ލަފްޡުތަކަކުން ނެއް ނުބުނެވޭނެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ މި ދުނިޔެއަކު ކަލާ އަށްވުރެ ބޮޑަށް އަހަރެން ވަކިން ލޯބިވާ އެހެން މީހަކު ނެތެވެ. ތިޔައީ އަހަރެންގެ ހުރިހާ ލޯތްބަކާއި އަޅާލުމެއްގެ ނިމުމެވެ. އަހަންނަކީ މީގެ ކުރިއަކުން މީހަކު ދެކެ ލޯބިވީ މީހެއް ނޫނެވެ. އެކަމަކު ކަލާ އަހަރެންގެ ހިތް ވަގަށް ނަގައިފީމުއެވެ.

އެހެންވީމާ، ކަލާ އާއި އަހަންނާ ވަކިވެވިފައި މިތިބި ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އޭ އަހަރެންގެ ހިތުގެ އުފަލާއެވެ! މިސުވާލު އެކަށީގެންވާ ރަނގަޅު ގޮތަކަށް ކަލާ ކުރާށެވެ. އަޑު އަހާށެވެ! [އަހަރެން ކަލާއާއި ދުރުގައި މިހިރީ މާއްދީ ފައިދާތަކަކާއި މުއްސަނދިކަމެއްގެ އެދުމުގައެއް ނޫނެވެ. އަދި އަހަރެންގެ ބޭނުމަކީ ރަސްކަމެއް ހޯދުމެއް ވެސް ނޫނެވެ. އަދި ތަޚުތެއް ހޯދުމެއް ވެސް ނޫނެވެ. އެހެން ނަމަވެސް އަހަރެންގެ ދުޝްމަނުން ވަނީ މި ކަންކަމަށް އެދުންވެރިވެފައެވެ. އަހަރެން ކަލާއާއި ވަކިން ދުރުގައި މިހިރަ ހަމައެކަނި ސަބަބަކީ ﷲ ގެ އަމުރުފުޅަށް ކިޔަމަންވުމެވެ. ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެ ވަކިން މޮޅު ކަމެއް ނެތެވެ. ﷲ ގެ މި އަމުރުފުޅަށް ކިޔަމަންވެ، އެކަން ޙާޞިލު ކުރުމަށް ޤަސްދު ކުރި މީހާއަށް ސުވަރުގެއިން ޖާގަ ލިބޭ ހުއްޓެވެ.]

މާތް ﷲ އަށް ޙަމްދު ކުރަމެވެ. އަހަރެންގެހިތުގައި ވަނީ ހަމައެކަނި މި އަމުރުފުޅަށް ކިޔަމަންވުމުގެ ޤަސްދެއް ނޫނެވެ. އަހަރެން މިވަނީ ހަނގުރާމައިގެ މައިދާނުގައި، ﷲ ގެ މަގުގައި ހަނގުރާމަ ކުރުން މަތީގައެވެ.

ކަލާ ނެތުމުން އަހަރެންގެ ހިތަށް ދަނީ އަބަދުމެ ތީރު ހެރެމުންނެވެ. ހީވަނީ ހިތް ކުދިކުދި ވެދާނެ ހެނެވެ. ކަން މިހެން އޮތް ނަމަވެސް އަހަރެން ވަނީ މިވަކިވުމާއެކު ވެސް އުފާވެރިކަން މަތީގައެވެ. ކަލާގެ ތެދުވެރި ލޯތްބަކީ އަހަރެންގެ މައްޗަށް އޮތް ވަރުގަދަ އިމްތިހާނެކެވެ. މިއީ އަހަރެން ޤަސްދު ކޮށްފައި އޮތްކަންތަކަށް އޮތް ވަރުގަދަ ގޮންޖަހާލުމެކެވެ. އަދި މިއީ ﷲ ސުބުހާނަހޫ ވަތަޢާލާގެ މަގުގައި ހަނގުރާމަ ކުރުމުގެ އަޒުމަށް ވެސް އޮތް މިއީ ވަރުގަދަ ގޮންޖަހާލުމެކެވެ.

މިއިމްތިޙާނުގައި އަހަންނަށް ނަޞްރު ލިބެމުންދާތީ އަހަރެން ﷲ ތަޢާލާއަށް ހާސް ފަށުން ޝުކުރު ދަންނަވަމެވެ. އަދި އަހަރެންގެ ފުރާނަ އާއި، ލޯތްބާއި ނަފްސުގެ އެދުންތަކުގެ މައްޗަށް ﷲ އަށް އޮންނަ ލޯތްބާއި އެކަލާނގެ އަމުރުފުޅު ކުރިއަށް ނެރެވިފައިވާތީ އެކަމަށް ވެސް ﷲ ތަޢާލާއަށް ޝުކުރު ދަންނަވަމެވެ. އޭ ލޯބިވާއެވެ. ކަލާ ވެސް ﷲ ތަޢާލާއަށް ޝުކުރު ދަންނަވަން ޖެހޭނެއެވެ. އަދި ކަލާގެ ފިރިމީހާއަށް އެވަރުގެ އީމާންތެރިކަމެއް ދެއްވާފައިވާތީ އެކަމަށް އުފާވެސް ކުރަން ޖެހޭނެއެވެ. ﷲ ގެ ލޯތްބަށްޓަކައި، ކަލާގެ ލޯބި ޤުރުބާން ކޮށްލެވޭ ކަމަށްޓަކައެވެ.

ކަނޑި ހިފައިގެން ޖިހާދު ކުރުން ކަލާގެ މައްޗަށް ވާޖިބުނުވިއަސް ބުނަން ހެއްޔެވެ؟ އޭ ލޯބިވާއެވެ. ކަލާވެސް ޖިހާދު ކުރުމަކުން އިސްތިސްނާވެގެނެއް ނުވެއެވެ. އެއްވެސް މުސްލިމު ފިރިހެނަކަށް އަދި އަންހެނަކަށް ޖިހާދު ކުރުމަކުން އިސްތިސްނާ ވެވޭނެ ގޮތެއް ނެތެވެ. ކަލާގެ ޖިހާދަކީ، ކަލާގެ ލޯތްބާއި އުފާތަކުގެ ކުރިއަށް ﷲ ދެކެވާ ލޯބި ނެރުމެވެ. އަދި ކަލާގެ ފިރިމީހާ އާއި ކަލާއާ ދެމެދުގައިވާ ލޯބީގެ ގުޅުން ވެސް ވަރުގަދަ ކުރަން ޖެހޭނެއެވެ.

ކަލާގެ ފިރިމީހާ ރައްކާތެރިކަމާއިއެކު ހަނގުރާމައިގެ މައިދާނުން އައިސް ކަލާގެ ލޯބި އަތު ތެރެއަށް ވަނުމަށް ދުވަހަކު ވެސް ދުޢާ ނުކުރާށެވެ. މިއީ އަމިއްލަ އެދުމުގެ ދުޢާ އެކެވެ. މި ދުޢާއަކަށް ﷲ ގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. އޭގެ ބަދަލުގައި މިގޮތަށް ދުޢާ ކުރާށެއެވެ. [މިއަޅާގެ ފިރިމީހާގެ ޖިހާދު ޤަބޫލު ކުރައްވާނދޭވެ! އަދި ނަޞްރު ލިބުމާއެކު އޭނާ މިއަޅާގެ ގާތަށް ގެނެސް ދެއްވާނދޭވެ! ނޫންނަމަ ޝަހީދުންގެ ތެރެއިން އޭނާ ލައްވާނދޭވެ!] މަގޭ ލޯބިވާ އެވެ. އަހަރެންގެ ދެތުންފަތަކީ ދުވަހަކު ވެސް ރަލުގައި ޖެހި، ހަޑިވެފައިވާ ދެ ތުންފަތެއް ނޫނެވެ. ކަލާއަށް މިކަން އެނގޭނެއެވެ. މި ތުންފަތަކީ އަބަދުމެ ކީރިތި ޤުރުއާން ކިޔެވުމާއި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަސްބީޙަ ކިޔެވުންމަތީ ތެތްވެފައިވާ ތުންފަތެކެވެ.

އެންމެ ލޯބިވާ ނާޖިޔާ އެވެ. ކަލާ ލޯތްބާއެކު ރީއްޗޭ ބުނާ އަހުރެންގެ ބޯ ﷲ އަށް ޓަކައި ހަށިގަނޑާއި ވަކިވާނެ ވަގުތަކީ ހާދަހާ އުފާވެރި ވަގުތަކަށް ވާނެއެވެ. ކަލާގެ ނަޒަރުގައި ސިފައިންގެ މީހެއްގެ ހަށިގަނޑަކަށްވުރެ ބޮޑަށް ލޯބިވެރިއެއްގެ ހަށިގަނޑު ކަމަށް ވިޔަސް މެއެވެ.

އަންވަރުގެ އެންމެ ބޮޑު ބޭނުމަކީ ޝަހީދުވުމެވެ. އަދި ޤިޔާމަތް ދުވަހުން ހަޒުރަތު ޚާލިދް ބިން ވާލިދު އާއެކު އިންސާފު ކުރެވުމެވެ. މި ދުނިޔެއަކީ ވަގުތީ ތަނެކެވެ. މަރަކީ ހަމަ ޔަގީނުން ވެސް އަންނާނެ އެއްޗެކެވެ. އެހެންވީމާ މަރު ދެކެ ބިރުގަންނަންވީ ކީއްވެ ހެއްޔެވެ؟ މަރުވާނެކަން ޔަޤީންވާއިރު އެނދުގައި އޮވެގެން ކޮންމެހެން މަރުވާންވީ ކިއްވެ ހެއްޔެވެ؟ ﷲ ގެ މަގުގައި ވާ މަރަކީ މަރެއް ނޫނެވެ. އެއީ ނިމުމެއް ނެތް ދިރުމެވެ.

ނާޖިޔާ އެވެ. އަހަރެންގެ މިވަޞިއްޔަތަށް އަޑު އަހާށެވެ. އަހަރެން ޝަހީދު ވެއްޖެނަމަ، އަހަރެންގެ އަޚް ނޫރީ ޕާޝާ އާ ކައިވެނި ކުރާށެވެ. ކަލާއަށްފަހު އަހަރެންނާ އެންމެ ގާތް މީހަކީ ނޫރީ އެވެ. އަހަރެން މަރުވުމަށްފަހު، ކަލާގެ މުޅި ހަޔާތުގައި އޭނާ ކަލާ ބެލެހެއްޓުމަކީ އަހަރެންގެ އެދުމެވެ. ދެން އަހަރެން އެދޭ ކަމަކީ ކަލާއަށް ލިބޭ ހުރިހާ ކުދީންގެ ގާތު އަހަރެންގެ ވާހަކަ ކިޔައި ދިނުމެވެ. އަދި އިސްލާމްދީނަށްޓަކައި ޖިހާދު ކުރުމަށް ހަނގުރާމައިގެ މައިދާނަށް އެ ހުރިހާ ކުދިން ފޮނުވާށެވެ. ހަނދާން ކުރާށޭވެ. ކަލާ އަހަރެންގެ މިއެދުންތަކަށް އަޅާނުލައިފިނަމަ، އަހަރެން ކަލާ ދެކެ ރުޅި އަންނާނަމެވެ.

އެންމެ ލޯބިވާއެވެ. ވަދާއީ ސަލާމް ކޮށްލަމެވެ. މި ސިޓީއަށްފަހު ދެން އެހެން ސިޓީއެއް އަހަރެން ކަލާއަށް ނުލިޔާނެ ކަމަށް އަހަރެންގެ ހިތް ބުނަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ފަހަރުގައި މާދަމާ އަހަރެން ޝަހީދުވަނީ ކަމަށް ވެސް ވެދާނެއެވެ.

ނާޖިޔާއެވެ. ކެތްތެރިވާށެވެ. އަހަރެން މަރުވީމާ އުފާކުރާށެވެ. ހިތާމަ ނުކުރާށޭވެ. އެހެނީ ﷲ ގެ މަގުގައި އަހަރެން ޝަހީދުވުމަކީ ކަލާއަށް ވެސް ލިބޭ ޝަރަފަކަށް ވާނެއެވެ. ނާޖިޔާ އެވެ. ދެން މިދަނީ އެވެ. އަހަރެން ކަލާގެ ގައިގައި ބައްދާލަމެވެ. އިރާދަ ކުރެއްވިއްޔާ އަހަރުމެން ސުވަރުގޭގައި ބައްދަލުވާނެވެ. އޭރުން ދެން އަހަރުމެން ދުވަހަކު ވެސް ވަތްކެއް ނުވާނެއެވެ.

ކަލާގެ އަންވަރު

ގާޟީ އަންވަރު ޕާޝާ އަށް އިޙްސާސް ކުރެވުނު ފަދައިން އޭނާ ޝަހީދުވީ ވިދިގެންއައި ދުވަހުއެވެ.

މިއީ 2003 ގެ ދަރުމަ މަޖައްލާގެ ޖޫން މަހުގެ ޢަދަދުން ނަކަލުކޮށް ހަދިޔާކޮށްފައިވާ ލިޔުމެކެވެ. جزاهم الله خيرا