أخلاق

ލިޔުނީ : މުހައްމަދު ޝިފާޒު

އަޚްލާޤުގެ މާނައާއި ތަޢާރުފު

އަޚްލާޤަކީ މީހެއްގެ ގޯސްކަން ނުވަތަ ރަނގަޅުކަން އަންގައިދޭ އާދަތަކާއި އުސޫލުތަކެކެވެ. މީހެއްގެ އަޚްލާޤު ރަނގަޅުކަން ނުވަތަ ނުރަނގަޅުކަން ދެނެގަނެވޭނީ އެމީހެއްގެ އުޅުމަށް ބެލުމަށް ފަހުގައެވެ. މީހެއްގެ އުޅުން ރަނގަޅު ނޫންނަމަ އެމީހެއްގެ އަޚްލާޤު ރަނގަޅު ކަމަށް އެއްވެސްމީހަކު ޤަބޫލެއްނުކުރާނެއެވެ. މިއާ ޚިލާފަށް މީހެއްގެ އުޅުން ރަނގަޅުނަމަ އެމީހަކީ ރިވެތި އަޚްލާޤުގެ ވެރިއެއްކަން އެންމެންވެސް ޤަބޫލުކުރާނެއެވެ. އެހެނީ ހުރިހާ އެންމެވެސް ރިވެތިއަޚްލާޤަކީ އެކެއްޗެއްކަމުގައި ދެކޭތީއެވެ. މިސާލަކަށް ވައްކަންކުރުން، މަސްތުވާތަކެތި ބޭނުންކުރުން، މަގުފޭރުން، ދޮގުހެދުން އަދި މިފަދަ އެންމެހާ ނުރަނގަޅު އަމަލު ތަކަކީ ރަނގަޅު އަޚްލާޤްގެ ތެރޭގައި ނުހިމެނޭ ޢަމަލު ތަކެއްކަން އެންމެންވެސް ޤަބޫލު ކުރެއެވެ. މިއާ ޚިލާފަށް ތެދުވެރިކަމާއި ، އަމާނާތްތެރިކަމާއި ، އިޚްލާސް ތެރިކަމާއި، ފަޤީރުންނަށް އެހީތެރިވުމާއި އަދި މިފަދަ އެންމެހާ ރަނގަޅު ސިފަތަކަކީ ރަނގަޅު އަޚްލާޤުގެ ތެރޭގައި ހިމެނޭ ސިފަތަކެއްކަން އެންމެންވެސް ޤަބޫލު ކުރާނެކަމާމެދު ޝައްކެއް ވަސްވާހެއް ނެތެވެ. އެއީ ކޮންމެ ދީނަކަށް ނިސްބަތްވާ މީހެއް ކަމުގައި ވިޔަސްމެއެވެ.

އަޚްލާޤު މާނަކުރައްވާ ޢިލްމުވެރިން ވިދާޅުވަނީ : އަޚްލާޤަކީ އާދަތަކެވެ. ހަރުލާފައި ހުންނަ ސިފަތަކެވެ. އުޅޭގޮތްތަކެވެ. މިޒާޖެވެ. ތަބީޢަތެވެ. މިމާނަތަކަށް ވިސްނާލުމުން އެނގިގެން ދަނީ ރަނގަޅު އަޚްލާޤުގެ ވެރިޔަކަށް ވެވޭނީ ރަނގަޅު އާދަތަކާއި ސިފަތަކެއް ތިމާގެ ގައިގާ އަށަގެނެވުމުން ކަމެވެ.


އިންސާނުންނަށް ރިވެތި އަޚްލާޤަށް ބޭނުންވެފައިވާ މިންވަރު

ދުނިޔޭގައި އުޅޭއިރު، ކޮންމެމީހެއްގެވެސް އުއްމީދުތަކެއް ވާނެއެވެ. އަދި އަމާޒެއްވެސް ވާނެއެވެ. ހަމައެހެންމެ އެއަމާޒަށް ވާޞިވުމަށް އެމީހަކަށް ކުރެވުނު މަސައްކަތެއް ކުރާނެއެވެ.މިގޮތުން ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމާޒަށް ފުރިހަމަ ގޮތުގައި ވާޞިލުވެވޭނީ ރިވެތި އަޚުލާޤުގެ މާތް ސިފަތައްލިބިގެންވާ މީހެއްކަމުގައިވެވިގެންކަން ކަށަވަރެވެ. އެހެނީ އެހެންމީހުންގެ އިޙްތިރާމާއި ރުހުން، ޤަދަރާއި ޢިއްޒަތް ލިބޭނީ އެމީހަކީ ރިވެތި އަޚްލާޤުގެ ވެރިޔަކަށް ވެވިގެންކަމުގައިވާތީއެވެ. މިސާލެއްގެ ގޮތުން ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ރުޅިމަޑުކަމާއި އެހެންމީހުންނަށް އިޙްތިރާމް ކުރުމާއި މިފަދަ ރަނގަޅު ކަންކަމަކީ އެހެންމީހުން އެސިފަތަކަށް ލޯބިކުރާ އަދި އިޙްތިރާމް ކުރާ ސިފަތަކެކެވެ. އަދި މީހެއްގެ ކިބައިގައި މި ސިފަތައް ހުރުމުން އެމީހެއްގެ ހަރުދަނާކަން ހާމަކޮއްދެއެވެ. އަދި މުޖުތަމަޢުގައި ދިރި އުޅޭމީހުން އެމީހަކަށް ވަރަށް ބޮޑަށް އިތުބާރު ކުރާނެއެވެ.އެހެންމެ އެމީހާއަށް ކޮންމެ ކަމެއްގައިވެސް އިސްކަން ދެވޭފަރާތް ކަމުގައި ހަދާނެއެވެ. މީގެ ސަބަބުން އެމީހަކު ހާޞިލްކުރަން ބޭނުންވާ ކަމެއް ނުވަތަ އެއްޗެއް ޙަޞިލްކުރުމަށް އިތުރު މަގުތަކެއް ހުޅުވިގެން ދިއުމުގެ އިތުރުން އިތުރު ފައްސޭހަތަކެއްވާނެއެވެ.

ތިމާގެ ވަޒީފާއާއި ތިމާއާމެދު އެހެންމީހުންދެކޭ ރަނގަޅު ގޮތްތަކާއި ތިމާގެ ހަރުދަނާ ޝަޚްޞިއްޔަތާއި ތިމާގެ އަގާއި ޢިއްޒަތް ރައްކާތެރި ކުރުމަށްޓަކައި ކޮންމެ އިންސާނަކަށްވެސް ރިވެތި އަޚްލާޤުގެ ބޭނުން ޖެހިފައިވާއިރު އެންމެފުރިހަމަޔަށް އަޚްލާޤު ބަޔާންކުރައްވާފައި ވާނީ ކޮން ދީނެއްގައިކަމާމެދު ނަޒަރު ހިންގާލުންމަކީ މުހިއްމުކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. މި ގޮތުން ބަލާއިރު އިސްލާމްދިނަކީ ރިވެތި އަޚްލާޤަށް ވަރަށް ބާރު އަޅުއްވާދީނެކެވެ. މިކަން މާތް ﷲ ގެ ވަޙީ ބަސް ފުޅުތަކުންނާއި ކީރިތި ރަސޫލަﷲ صلى الله عليه وسلم ގެ ޙަދީޘްފުޅުތަކުން ސާބިތުވެއެވެ.


އިސްލާމްދީނާއި ރިވެތި އަޚްލާޤް

މާތް ﷲ އިންސާނުން އުފައްދަވައި މިދުނިޔެއަށް ފޮނުއްވަވާފައިވަނީ އެމީހަކު ހިތުހުރި ގޮތަކަށް އުޅުމަށްޓަކައެއްނޫނެވެ.އެކަލާނގެ ކޮންމެ ޒަމާނެއްގައިވެސް މީސްތަކުން އުޅެންވީގޮތް ބަޔާންކޮއްދެއްވުމަށްޓަކައި ރަސޫލުބޭކަލުން ފޮނުއްވެވިއެވެ. އެގޮތުން އެކަލާނގެ އެންމެފަހުން ފޮނުއްވެވި ރަސޫލަކީ މި އުއްމަތުގެ ރަސޫލާ މުޙައްމަދު ރަސޫލުﷲ صلى الله عليه وسلمއެވެ. އެހެން ކަމުން އެކަލޭގެފާނަށް( صلى الله عليه وسلم ) ތަބަޢަ ވުމަކީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ. އެކަލޭގެފާނު( صلى الله عليه وسلم) ފޮނުއްވުނު މަޤުޞަދުތަކުގެ ތެރެއިން އެއް މަޤުޞަދެއްކަމުގައިވަނީ ރިވެތި އަޚްލާޤް ފުރިހަމަ ކޮއްދެއްވުމެވެ. އެކަލޭގެފާނު( صلى الله عليه وسلم ) ހަދީޘް ކުރައްވަނީ :

{ إنما بعثت لِأُ تمِّم مكا ر م الأ جلاق} - رواه مالك –

މާނައަކީ " ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ އަޚުލާޤުގެ މަތިވެރި صفة ތައް ފުރިހަމަކޮއްދެއްވުމަށް ޓަކައެވެ." އެހެންކަމުން ރިވެތި އަޚުލާޤަކީ އިސްލާމްދީނުގައި ކިހާ އަހައްމިއްޔަތުކަމެއް ދެވިފައިވާ ކަމެއްކަން މިޙަދީޘްފުޅުންވެސް ދޭހަވެގެންދެއެވެ.

އިސްލާމްދީނުގައި ފަރުޟު ކުރެވިގެންވާ އަޅުކަންތައްތަކަކީވެސް ރިވެތި އަޚްލާޤަށް މީހާ މަގުދައްކައިދޭ ޤާއިދެކެވެ. ނަމާދާއި ބެހޭގޮތުން ﷲ ވަޙީ ކުރައްވަނީ

ﯨﯩ ﯬﯭ العنكبوت: ٤٥

" ހަމަކަށަވަރުން ނަމާދު ފާޙިޝް ކަންތައްތަކާއި ނުބައި ކަންތައްތައް މަނާ ކުރެއެވެ."

އެހެންކަމުން ނަމާދު ޙަޤީޤީ ނަމާދަކަށްވެސްވަނީ މިކަންކަންތައްތަކުން މީހާ ދުރުހެލިވުމުންނެވެ. ޤުދުސީ ޙަދީޘްފުޅެއްގައިވެއެވެ.

{ الله سبحانه وتعالى ގެ حضرة އިން رسول الله صلّى الله عليه وسلّم ރިވާކުރެއްވިއެވެ. " إنّما أتقبّا الصّلاة ممَن تواضع لعضمىِّ ولم يستطل على خلقى ولم يبت مصرًا على معصيتى وقطع النها رفى ذ كرى ورحم المسكين والأرملة وابن السبيل والأ ر ملة ورحم المصا ب } – رواه البزّار

" ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ނަމާދު ޤަބޫލު ކުރައްވަނީ ތިމަންރަސްކަލާނގެ މަތިވެރިކަމަށްޓަކައި ނިކަމެތިވެ މަޑުމޮޅިވާމީހާގެ ކިބައިންނާއި ތިމަންރަސްކަލާންގެ އަޅުންގެ މައްޗަށް ބޮޑާވެ ނުގަންނަ މީހާގެ ކިބައިންނާއި ތިމަންރަސްކަލާނގެއަށް އުރެދުމުގައި ދެމިނުހުންނަ މީހާގެ ކިބައިންނާއި ތިމަންރަސްކަލާނގެމަތިން ހަދުމަކުރުމުގައި ދުވާލު ހޭދަކުރާ މީހާގެ ކިބައިންނާއި މިސްކީނުންނަށާއި ދަތުރުވެރިންނަށާއި ހުވަފަތް އަންހެނުންނަށާއި ބަލިމަޑު ކަމުގައިވާމީހުންނަށް ރަޙްމުކޮށް، އޯގާތެރި މީހާގެ ކިބައިންނެވެ."

ނަމާދުފަދައިން ރޯދައަކީވެސް ވަރަށް މަތިވެރި މަޤްޞަދެއްގައި މާތް ﷲ މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. އެއީ ކެއުންބުއިމާއި ދުރުހެލިވުމުގެ އިތުރުން މަނާވެވިގެންވާ ޝަހަވާތްތަކާއި މުންކަރާތްތަކުން ތިމާގެ ނަފްސު ދުރުކޮއްދިނުމަށް ބާރުއަޅާ އަޅުކަމެކެވެ. އެހެނީ އެކަންކަމުން ދުރުނުވެ އެމީހާ ކެއުންބުއިމާއި ދުރުހެލިވެގެން ހުރުމުގެ އެއްވެސް ބެނުމެއް ނެތެވެ. އެހެނީ އެކަން ﷲ ގެ ޙަޟްރަތުގައި ޤަބޫލު ނުކުރެވޭ ކަމަށްޓަކައެވެ. ކީރިތި ރަސޫލާ (صلى الله عليه وسلم) ޙަދީޘް ކުރައްވާފައިވެއެވެ.

{من لم يد ع قؤل ا لز و العمل به فليس لله حاخةٌ فى أن يدع طعا مه وشرا به } - البخارى

"ދޮގުބަސް ބުނުން ދޫކޮށްނުލައި އަދި އެއާ އެއްގޮތަށް ޢަމަލުކުރާމީހާ ފަހެދަންނައެވެ. އޭނާގެ ކެއުމާއި ބުއިން ދޫކޮށްލުމަކީ ﷲ އަށް ބެނުންވެ ވޮޑިގެންވާ ކަމެއްނޫނެވެ. "

މީގެ އިތުރުން ޒަކާތްދިނުމަކީ އެކަކު އަނެކަކުދެކެ ލޯތްބާއި އޯގާތެރިކަން އުފެއްދުމަށްޓަކައި ފަރުޟު ކުރައްވާފައިވާ ކަމެކެވެ. އަދި މިއީ މުއްސަނދިންނާއި ފަޤީރުންނާއި ދެމެދު ގުޅުންބަދަހިވެގެންދާ ކަމެކެވެ. އެކަކު އަނެކަކުގެ ޙާލު އަޙްވާލު ބަލާލަންލިބޭ ފުރުޞަތެކެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމަޢުތައް ފާގަތިވެ ކުރިއަރައިގެންދެއެވެ.

ޒަކާތަކީ ތިމާގެ ނަފްސު ދަހިވެތިކަމުން ސަލަމަތްކޮށްދޭ އެއްޗެކެވެ. ތިމާގެ ނަފްސާއި މުދާ ޠާހިރުކޮއްދޭ ކަމެކެވެ. މިކަމާބެހޭގޮތުން މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

التوبة: ١٠٣

"އެބައިމީހުންގެ މުދަލުން ޞަދަޤާތް ނަންގަވާށެވެ.އެއީއޭގެ ސަބަބުން އެބައިމިހުންގެ ފާފަތަކުންނާއި ދަހިވެތިކަމުން ޠާހިރުވެ ﷲ ގެ ޙަޟްރަތުގައި އެބައިމީހުންގެ ދަރަޖަ އުފުލިގެން ދިއުމަށްޓަކައެވެ."

ޞަދަޤާތަކީ އިސްލާމްދީނުގައި ވަރަށް ފުޅާވެގެންވާ އެއްޗެކެވެ. ކީރިތި ރަސޫލާ (صلى الله عليه وسلم) ބަސްފުޅެއްގައިވެއެވެ.

{تبسّمك فى وجه أخيك صدقةٌ وأمرك بالمعروف صد قةٌ وإما طتك الأ ذى والشوك والعظم عن الطر يق لك صد قةّ وإفرا غك من دلوك فى دلو أخيك لك صد قةٌ وبصرك للرّخل الرّدىءالبصر لك صد قةٌ } - البخارى -

"އިބަގެ އަޚާގެ ކުރިމަތީ ހިނިތުންވެލާ ހިނިތުންވުމަކީ ޞަދަޤާތެކެވެ. އިބަ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާ ކުރާ ކުރުމަކީ ޞަދަޤާތެކެވެ. މަގުމަތިން އުދަގުލާއި ކަށި އެއްފަރާތަކަށްލާ ލުމަކީ އިބައަށް ލިބނިގެންވާ ޞަދަޤާތެކެވެ. ލޯކޮށިމީހާއަށް އިބަގެލޮލުން އެހީވެދޭ އެހީވެ ދިނުމަކީ ޞަދަޤާތެކެވެ. "

މަތީގައި ބަޔާންކޮއްފައިވަނީ މާތް ﷲ މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަންތަކެކެވެ.އަދި އެކަންތަށް އަދާކުރާ މުސްލިމް އަޅުވެރިޔާގެ ކިބައިން ރިވެތި އަޚްލާޤްގެ މަތިވެރި ސިފަތަކެއް ފެންނާނެ ކަމާމެދު ޝައްކެއް ވަސްވާހެއް ނެތެވެ. އެހެންކަމުން އިސްލާމް ދީން ރިވެތި އަޚްލާޤަށް އިސްކަން ދެއްވަވާ މިންވަރު މިއިން ވަރަށްވެސް ސާފުކޮށް އެނގިގެން ދެއެވެ. މީގެ އިތުރުންވެސް މި އުމަތުގެ ރަސޫލާ (صلى الله عليه وسلم)ވަނީ ޢަމަލީ ގޮތުން ރިވެތި އަޚްލާޤުގެ ފުރިހަމަ ނަމޫނާ ދައްކަވާފައެވެ.


އީމާންކަމާއި އަޙްލާޤްއާއި ދެމެދު ހުރި ގުޅުން

އިސްލާމްދީނަކީ އަޤީދާއާއި ޝަރީޢާތުގެ މައްޗަށް އެކުލެވިގެންވާދީނެކެވެ. އެހެން އިބާރާތަކުން ދަންނަވަނީނަމަ އީމާންވާންޖެހޭ ކަންތައްތަކާއި ޢަމަލުން ފުރިހަމަކުރަންޖެހޭ ކަންތައް އިސްލާމްދީނުގައި ކަޑައަޅުއްވާފައިވެއެވެ. މީގެތެރެއިން އެއްކަމަކާ މެދުވެސް ޣާފިލުވެއްޖެންމަ އޭނާ އަކީ މުސްލިމެކޭ ނުދެންނެވޭނެއެވެ. އެހެކަމުން ފުރިހަމަ މުސްލިމަކަށް ވެވޭނީ އީމާންވުމަށްފަހު އޭނާގެ އަމަލުން އެކަންތައްތައް އަދާކުރާ ކަމުގައިވަނީނަމައެވެ. އަދި އެ އަދާ ކުރުމުގެ ސަބަބުން އޭނާގެ އަޚްލަޤް ރަނގަޅުވާކަމުގައި ވާނަމައެވެ. އޭނާގެ އަޚްލާޤް ރަނގަޅު ނޫންނަމަ އެއިން ދޭހަވެގެން ދަނީ އެނާގެ އިމާންތެރިކަން ފުރިހަމަ ނުވާކަމެވެ.

رسول الله صلى الله عليه وسلم ވިދާޅުވަނީ { الحيا ء و لإ عيا ن قر نا ء جميعا فإ ذا رفع أ حد هما رفع الآ خر } – رواه الحا كم واطبراقى - މަނައަކީ " ލަދުޙަޔާތާއި އީމާންކަމަކީ، އަބަދުވެސް އެކު އެކުގައިވާ ދެމިތުރުންނެވެ. ފަހެ އެއިން އެއްކަމެއް ނެތިފިލައި ހިގައްޖެނަމަ އަނެއްކަންވެސް ފިލައި ހިގައި ދެއެވެ." މި ޙަދިޘްފުޅުންވެސް އީމަންކަމާއި އަޚްލާޤާއި ދެމެދުގައި ވަރަށްބޮޑުގުޅުމެއްވާކަން އެނގިގެންދެއެވެ. މީގެ އިތުރުން އީމާންކަމާއި މަތިވެރި އަޚްލާޤްއާ ގުޅުންހުރި މިންވަރު ބަޔާންކުރައްވާ ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވަނީ : { ثلا ثٌ من كنّ فيه فهو منا فقٌ وإن صام وصلّى و حجّ واعتمر وقال إنِّى مسلمٌ إذاحدَّ ث كذ ب وإذا وعد أ خلف وإذاأوتمن خا ن } – مسلم - މާނައަކީ " ރޯދަހިފާ ނަމާދުކޮށް ހައްޖުވެ ޢުމްރަވެ ތިމަނައަކީ މުސްލިމަކޭ ބުނިކަމުގައި ވިޔަސް އެމީހެއްގެ ގައިގާ ތިންސިފައެއް ހުރެއްޖެމީހަކީ މުނާފިޤެކެވެ. އެމީހަކު ވާހަކަ ދައްކާނަމަ ދޮގުހަދާނެއެވެ. ވަޢުދެއް ވެއްޖެނަމަ އެއާ ޚިލާފުވާނެއެވެ. އަމާނާތެއް ޙަވާލު ކުރެވިއްޖެނަމަ އެއަށް ޚިޔާނަތްތެރިވާނެއެވެ.

މީގެ އިތުރުންވެސް ކީރިތި ރަސޫލު ﷲ صلى الله عليه وسلمގެ ވަރަށް ގިނަ ޙަދީޘްފުޅުތަކުން އީމަން ކަމާއި އަޚްލާޤާއި ހުރި ގުޅުން ބަޔާންކޮއްދެއްވާފައިވެއެވެ. މިހުރިހާ ޙަދީޘް ފުޅުތަކުންވެސް އެނގިގެންދަނީ ރިވެތި އަޚްލާޤް އެމީހެއްގެ ކިބައިގައި އަށަގެންފައި ނުވާމީހެއްގެ ހިތުގައި އީމާން ކަމުގެ ފޮނިރަހަނެއްކަމެވެ.

މި އުއްމަތުގެ އެންމެ ހެޔޮމިހުން ނަކީ ރަސޫލު ﷲ صلى الله عليه وسلم ގެ އަރިހުގައި އުޅުއްވި އެކަލޭގެފާނުގެ އަޞްޙާބް ބޭކަލުން ނެވެ. އެބޭކަލުންނަކީ އީމާންތެރިކަން އެންމެ ވަރުގަދަ މީހުންނެވެ. އެހެނަކަމުން އެބޭކަލުންނަށް ލިބިވަޑައިގެންފައިވާ އަޚްލާޤަކީ އެންމެ މަތިވެރި ވެގެންވާ އަޚްލަޤެވެ. އެބޭކަލުންނަކީ އެންމެ އަމާނާތްތެރި ، ކެއްތެރި ، އިޚްލާސްތެރި، މަޑުމައިތިރި އަދި މި ނޫންވެސް ރިވެތި ވެގެންވާ ސިފަތަކެއް ލިބިވަޑައިގެންފައިވާ ބޭކަލުންނެވެ. ވީމާ އަޅުގަނޑުމެން ރަނގަޅުމުޖުތަމަޢުއެއް ބިނާކުރަން ބޭނުންވާކަމުގައި ވަނީނަމަ އަޅުގަނޑެންނަށް އޮތީ އެބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ފުރިހަމައަށް ހިފުމެވެ.


ކީރިތި ރަސޫލާ (صلى الله عليه وسلم) ދެއްކެވި ނަމޫނާ

ކުރިންވެސް ނަންގަނެވުނު ފަދައިން ކީރިތި ރަސޫލާ (صلى الله عليه وسلم) މިބިންމައްޗަށް ފޮނުއްވުނީ ރިވެތި އަޚްލާޤް ފުރިހަމަކޮއްދެއްވުމަށްޓަކައެވެ. އެކަލޭގެފާނުގެ(صلى الله عليه وسلم) ޢަމަލީ ޙަޔާތްޕުޅުން މިކަން ސާބިތުވެއެވެ. އެކަލޭގެފާނުގެ މާތް ޞަޙާބީންނަކީ އަބަދުމެހެން އެކަލޭގެފާނާ އެއްކޮށް އުޅުއްވެވި ބޭކަލުންނެވެ.އެހެންކަމުން އެބޭކަލުންނަވުރެ ބޮޑަށް އެކަލޭގެފާނު އުޅުއްވެވި ގޮތާ ބެހޭގޮތުން އެގޭނެބަޔަކު މިސްތަކުންގެ ތެރެއިނުވެއެވެ.އެކަލޭގެފާނުގެ ޞަޙާބީއެއް ކަމަށްވާ އަނަސުގެފާނު އެކަލޭގެފާނާއި ބެހޭގޮތުން ވިދާޅުވެފައިވެއެވެ. " ތިމަންކަލޭގެފަނު ދިހައަހަރު ކީރިތި ރަސޫލާގެ( صلى الله عليه وسلم) ޚިދުމަތުގައި ހޭދަކުރެއްވީމެވެ. ނުރުހިވަޑައިގެން ޗުއްޕެއްގެ މިންވައުވެސް ވިދާޅެއް ނުވެއެވެ." މީގެ އިތުރުންވެސް އެކަލޭގެފާނުގެ އަޚްލާޤައިބެހޭގޮތުން ޞަހާބީން ރަސޫލު صلى الله عليه وسلم ގެ ތާރީޚްގައި އެތައްއެތައް ޢިބުރަތުން ފުރިގެންވާ ވާޤިޔާތަކެއް ލިޔުއްވާފައިވެއެވެ.

ކީރިތި ރަސޫލާގެ މާތް ޚުލްޤުފުޅާމެދު ކީރިތި ޤުރުއާނުގެ މި އާޔަތް ދަލީލަކަށް ފުދެއެވެ.

القلم: ٤

"ކަލޭގެފާނުވަނީ ހަމަކަށަވަރުން ވަރަށް މަތިވެރި ޚުލްޤު ފުޅެއްގެ މަތީގައެވެ"

އެކަލޭގެފާނު (صلى الله عليه وسلم) ޠާއިފަށް ވަޑއިގެންނެވި ޚާދިސާއިންވެސް އަދި މައްކާ ފަތަޙަ ކުރެވި ޙާދިސާއިންވެސް އެކަލޭގެފާނުގެ އަޚްލާޤުގެ މާތްކަން ސާބިތުވެގެން ގެއެވެ.\


ޠާއިފަށް ވަޑއިގެންނެވި ޙާދިޘާ :

ކީރިތި ރަސޫލާ ޠާއިފްގެ އަހްލުވެރިންނަށް ދީނަށް ގޮވާލެއްވުމަށް ވަޑައިގަތުމުން ، އެ ރަށުގެ އަހްލުވެރިން އެބައި މީހުންގެ ކުޑަކުދިންނާއި އަޅުންނާއި އަދި މޮޔައިން ކީރިތި ރަސޫލާގެ ފަހަތްޕުޅުން ދުއްވާ ހިލައުކާ ، ކީރިތި ރަސޫލާގެ މާތް ހަށިކޮޅުން ލޭ އޮހޮރުވާލިއެވެ. އެ ހިންދު ކީރިތި ރަސޫލާގެ އަރިހަށް ޖިބްރީލުޢަލައިހިއްސަލާމް ފަރުބަދަތަކުގެ މަލާއިކަތާ އާއި އެކު ވަޑައިގެންނެވިއެވެ އަދި ، ދެ ފަރުބަދަ ދެމެދުލާ މި ރަށުގެ މީހުން ނެތިކުރުމަށް އިޒްނަ ދެއްވުމަށް ދެންނެވިއެވެ. އެހެންނަމަވެސް އެ އެދުން ރައްދު ކުރައްވާ ކީރިތި ރަސޫލާ އެ ހިތްހަރު ރަށުގެ އަހްލުވެރިންނަށް މަޢާފް ކުރައްވާ އެބައި މީހުންނަށް ހެޔޮ ދުޢާ ކުރެއްވިއެވެ.: ހަދީސް ކުރެއްވިއެވެ. (لا بل أرجو أن يُخْرِجُ الله من أصلابهم من يعبد الله وحده، ولا يشرك به شيئًا- متفق عليه ) ނޫނެކެވެ. އެހެންނަމަވެސް ތިމަން ކަލޭގެފާނު އެދިވަޑައިގަންނަވަނީ އެމީހުންގެ ބުރަކަށިތަކުން މާތް ﷲ އާއި އެހެން ފަރާތެއް ޝަރީކު ނުކުރާ ހަމައެކެނި އެކަލާނގެއަށް އަޅުކަން ކުރާ ބަޔަކު ނިކުތުމަށެވެ.


މައްކާފަތަހަ ކުރެއްވި ދުވަސް :

މައްކާ ފަތަޙަ ކުރެއްވުމުގެ ޙާދިޘާ އަކީ ތާރީޚުގެ އައު ޞަފްހާއެއް ފެށިގެން ދިޔަ ދުވަހެކެވެ. އިންޤިލާބެއްގެ ނަޞްރު ލިބިގެން ދިޔަ ދުވަހެކެވެ. ގެފުޅުގެ އެކި ދިމާދިމާ ގައި ހުރި ބުދުތައް ބިމަށް ވެއްޓި ޝިރުކު ވެރިކަން ނިމި ވަޙް ދާނިއްޔަތުގެ ވެރިކަން މައްކާގެ ބިމުގައި ޤާއިމްވީ ދުވަހެވެ. އެ ދުވަހު ކީރިތި ރަސޫލާ އާއި އެކަލޭގެފާނަށް ތަބާވި މީހުންނަށް މައްކާގެ މުޝްރިކުން ދެމުން ދިޔަ އަނިޔާ ތަކުގެ ބަދަލު ހިފާނެ ކަމުގައި މައްކާގެ މުޝްރިކުން ހީކޮށް ބިރުން ތިއްބެވެ. އެމީހުންނާ މުޚާޠަބުކޮށް ރަސޫލާ ޙަދީޘް ކުރެއްވިއެވެ.(يا معشر قريش، ما تظنون أني فاعل بكم؟). މާނަ: އޭ ޤުރައިޝުންގެ މީހުންނޭވެ، ތިޔަބައި މީހުންނާއި މެދު މިއަދު ތިމަންކަލޭގެފާނު ކަންތައް ކުރައްވާނީ ކިހިނަކުންތޯއޭ ހީފުޅުވަނީ ؟ އެބައި މީހުން ދެންނެވިއެވެ. قالوا: خيرًا، أخ كريم، وابن أخ كريم.. މާނަ: ހެޔޮ ކޮށެވެ. ( ކަލޭގެފާނަކީ ) މާތް އަޚެކެވެ. އަދި މާތް އަޚެއްގެ ދަރިކަލެކެވެ. ޙަދީޘް ކުރެއްވިއެވެ (اذهبوا فأنتم الطلقاء) މާނަ : ދާށެވެ. ތިޔަބއި މީހުންނީ މިނިވަނުންނެވެ.

މީގެ އިތުރުންވެސް އެކަލޭގެފާނުގެ ހަޔާތްޕުޅުގައި އިބްރަތްތެރި އެކިއެކި ފިލާވަޅުތަކެއް އެކަލޭގެފާނުގެ ޢަމަލުފުޅުން ދައްކުވާދެއްވާފައިވެއެވެ. އަދި ރިވެތި އަޚްލާޤަކީ ކޮބައިކަން އެކަލޭގެފާނުގެ (صلى الله عليه وسلم) އަޞްޙާބް ބޭކަލުންނަށް އުގަންނަވައިދެއްވާފައިވެއެވެ. އަދި ރިވެތި އަޚްލާޤުން ޒީނަތެރިވުމުގެ މުހިމުކަން ބުނެދެއްވައެވެ. رسول الله صلى الله عليه وسلم ގެ ޙަދިޘް ކުރައްވާފައިވެއެވެ. {خياركم أحاسنكم أخلاقاً} - البخارى- މަނައަކީ: "ތިޔަބައިމީހުންގެ ތެރޭގައިވާ އެންމެރަގަޅު މީހަކީ ، އެންމެ އަޚްލާޤް ރިވެތި މީހާއެވެ." އެހެންކަމުން ކޮންމެ ގޮތަކުން ބެލިކަމުގަމުގައި ވިޔަސް އެންމެ އަޚްލާޤް ރަނގަޅު މީހަކީ ރަސޫލު ﷲ صلى الله عليه وسلم އެވެ. އެހެންކަމުން އަޅުގަނޑުމެން މުސްލިމުންނަށް އެކަލޭގެފާނު ނަމޫނާއަކަށް ބެއްލެވުމަށް އަންގަވާފައިވެއެވެ.

ﯿ الأحزاب: ٢١

"ހަމަކަށަވަރުން ރަސޫލު ﷲ ގެ ފާނުގެ ޝަޚްޞިއްޔަތުގައި ރިވެތި ނަމޫނާއެއް ތިޔަބައިމީހުންނަށް ލިބިގެންވެއެވެ. އެއީ ﷲ ގެ ރަޙްމަތަށާއި އާޚިރަތް ދުވަހުގެ ނިޢުމަތަށް އެދޭ ކޮންމެ މީހަކަށާއި ﷲ ގެމަތިން ގިނަގިނައިން ހަދުމަކުރާ މިހަކަށެވެ. "


ރިވެތި އަޚްލާޤުގެ ބައެއް ސިފަތައް


1 - އިޚްލާސްތެރިކަން :

އިޚްލާޞްތެރިކަމަކީ ރިވެތި އަޚްލާޤްގެ ތެރޭގައި ހިމެނޭ ސިފަތަކުގެ ތެރެއިން ކޮންމެ މިހެއްގެ ގައިގައި ހުރުން ވަރަށް މުހިއްމު އެއްސިފައެވެ. އިޚްލާޞްތެރިކަމަކީ ތިމާ ކަމެއްކުރާއިރު އޭގެ އެއްމެ ފުރިހަމަ ގޮތުގައި އެކަމެއް އަދާކުރުމެވެ. އަދި ހަމައެހެންމެ އެހެންމީހުންގެ ލޯއްބާއި ތާއީދާއި ތަޢުރީފުގެ ބަސްތަށް ހޯދުމުގެ ނިޔަތެއްނެތި އޭނަޔާއި ހަވާލުރެވޭ މަސައްކަތެއް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމެވެ. މިމޭރުމުން ބަލާއިރު މާތް ﷲ އަށް އިޚްލާޞްތެރި ވުމަކީ ތިމާ ﷲ އަށް އަޅުވެތިވާ އަޅުވެތިވުން ހަމައެކަނި އެކަލާނގެއަށް ޚާލިސް ކުރުމެވެ. އެކަލާނގެއަށްޓަކައި ހިތް ސާފުކުރުމެވެ. އިޚްލާޞްތެރިވުމުގެ އިދިކޮޅު ސިފައަކީ ދެއްކުންތެރިކަމެވެ. ވީމާ އިކްލާޞްތެރިވޭވޭނި އެމިހެއްގެ ހިތުގެ ނިޔަތް ރަނގަޅުކޮއްގެންނެވެ. މާތް ﷲ އަށް ތިމާގެ ހިތް އެކަހެރިކޮއްގެންނެވެ. މާތް ﷲ އެކަލާނގެ ފޮތުގައި ވާޙީ ކުރައްވާފައިވެއެވެ.

ﮤﮥ البينة: ٥

މާނައީ: "ބާޠިލްމަގުން އެއްކިބާވެ ތިބެ ﷲ އަށް އަޅުކަން ޚާލިޞް ކުރާ ޙާލު، ﷲ އަށް އަޅުކަން ކުރުމަށާއި ނަމާދު ޤާއިމުކުރުމަށާއި ޒަކާތް ދިނުމަށް މެނުވީ، އެބައިމީހުންނަށް އަމުރުކުރައްވަފައެއް ނުވެއެވެ. އަދި ސިދާވެގެންވާ ދީނަކީ އެއީއެވެ."

މި އާޔަތުން އިޚްލާސްތެރިވުމަކީ ހަމައެކަނި ﷲ އަށް އަޅުކަން ޚާލިޞް ކުރުންކަން ދޭހަވެގެންދެއެވެ. އަދި އަޅުވެތިވުމުގައި ﷲ އާއި އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. އިޚްލާޞްތެރިކަމާ އެކު ހެޔެނިޔަތުގައި ކުރާ ކޮންމެ ކަމަކަށް ﷲ ސަވާބު ދެއްވަވައެވެ.


2- ދީލަތިކަން :

ދީލަތިކަމަކީ ދަހިވެތިނުވުމެވެ. ތިމާ އަށް ލިބޭ މުދާ ހޭދަކުރުމުގައި ދަހިވެތިނުވުމެވެ. އިސްލާމްދީން މުސްލިމުންނަށް ގޮވައިލަނީ ދީލަތިވުމަށެވެ.އެގޮތުން ބޭނުންތަށްޖެހިފައިވާމީހުންނަށް ނުވަތަ ތަނަވަސްކަންނެތް މީހުންނަށް އެހެނީ ފަޤީރުންނަށް އެހީތެރިވުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވައެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

ﮯﮰ التغابن: ١٦

މާނައީ: ފަހެ ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބަމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހާށެވެ! އަދި ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އެގޮތް ހެޔޮކަން ބޮޑުވެގެން ވެއެވެ. އަދި އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެމީހާ (ދަންނާށެވެ!) ފަހެ އެބައިމިހުންނީ ހަމަ ދިންނަވާނޭ މީހުންނެވެ." އަދިވެސް ﷲ ވަޙީ ކުރައްވާފައިވެއެވެ.

ﯢﯣ التغابن: ١٧

މާނައީ : " ހެޔޮވެގެންވާ ދަރަންޏަކުން ﷲ އަށް، ތިޔަބައިމީހުން ދަރަންޏެއް ދޭނަމަ (އެބަހީ: ﷲ އަށްޓަކައި ހޭދަކުރާނަމަ) އެކަލާނގެ ތިޔަބައިމީހުންނަށްޓައި އެތަކެތި ގިނަކުރައްވާނެ އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ފާފަފުއްސަވާނެ އެވެ." މި ބަސްފުޅުތަކުންވެސް އިސްލަމްދީނުގައި ދީލަތިވުމަށްބާރުއަޅުއްވާފައިވާމިންވަރު ދޭހަވެގެންދެއެވެ.


3- ކެތްތެރިކަން :

ކެއްތެރިކަމަކީ ތިމަ ހިތް ނޭދޭ ކަންތައްތަކެއް ތިމާއަށް ކުރިމަތިވާ ހިނދު ޙައްޤުގެ ދާއިރާއިން ބޭރު ނުވެ ޘާބިތުކަންމަތިގައި ހުރުމެވެ. މިއީ ދުނިޔެއާއި އާޚިރަތަށްޓަކައި ކޮންމެ މުސްލިމަކަށް ބޭނުން ސިފައެކެވެ. މާތް ﷲ ވަހީ ކުރައްވާފައިވެއެވެ.

الأنفال: ٤٦

މާނައީ " ހަމަކަށަވަރުން ﷲ ވޮޑިދެންވަނި ކެތްތްރިންނާ އެކުގައެވެ. "

ކެތްތެރިންގެ ކިބައިގައިގައި ހުރުން ކޮންމެހެން ލާޒިމު ސިފަތަކެއްވެއެވެ. އެއީ :

· ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި ކެތްތިވުން.

· އުރެދުންތަކާ ދުރުހެލިވުމަށް ކެތްތެރިވުން.

· މުސީބަތްތަކަށް ކެތްތެރިވުން.

ހުރިހާކަމެއްގައިވެސް ކެތްތެރިވުމަށް އިސްލާމްދީނުގައި އައިސްފައިވެއެވެ. އަދި ކެތްތެރިންނަށް ހުރި ސަވާބާއި ދަރުމައިގެ މަތިވެރިކަންވެސް ބަޔާކޮއްފައިވެއެވެ. ﷲ ވަޙީކުރައއްވާފައިވެއެވެ.

الزمر: ١٠

މާނައީ " ކެތްތެރިންނަށް އެބައިމިހުންނަށް ދަރުމަ ދެއްވާކަން ކަށަވަރީ ހިސާބެއް ނެތިއެވެ. "

ކީރިތި ރަސޫލާ ވަނީ ކެތްތެރިވާން ވީގޮތުގެ ނަމުނާ ދައްކަވާދެއްވާފައެވެ. އެހެނަކަމުން އެކަލެގެފާނަށް ފުރިހަމަ ގޮތުގައި ތަބަޢަވާ މީހެއްގެ ކިބައިން ކެތްތެރި ވުމުގެ ސިފަވެސް ފެންނާނެއެވެ. ހަޤީޤީ ބާއްޖަވެރިޔަކީ އެއީއެވެ.


4 - އަމާނަތްތެރިކަން

އަމާނަތްތެރިކަމަކީ ކޮންމެ މުސްލިމެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެކެވެ. އެހެނީ ކީރިތި ރަސޫލާ (صلى الله عليه وسلم) އަމާނަތްތެރިވުމަށް ބާރު އަޅުއްވާފައިވާ މިންވަރު ބޮޑުކަމުންނެވެ. އަދި އަމާނަތްތެރިނުވާ މިހާގެ ކިބައިގައި އީމާން ތެރިކަމެއް ނުވާވާހަކަވެސް އެކަލޭގެފާނުގެ ހަދީޘްފުޅުތަކުން އެނގިގެން ދެއެވެ. އަކަލޭގެފާނުގެ(صلى الله عليه وسلم) ކޮންމެ ޚުޠުބާއެއްގައި " لاإيمان لمن لا أما نةٌ وإ نَّها يو القيا مة خزىٌ وندامةٌ إلّامن لّا من أخذهابحقِّها وأدّ ى الّذى عليه فيها – رواه مسلم – އަމާނަތްތެރިކަން ނެތްމީހާގެ ކިބާގައި އިމާންކަމެއް ނެތެވެ. ޢަހްދަށް ވަފާތެރިނުވާމީހާގެ ކިބާގައި ދީނެއްނެތެވެ. " މިފަދައިން ވިދާޅުވެއެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

ﯬﯭ الأحزاب: ٧٢

މާނައަކީ : " ތިމަން ރަސްކަލާނގެ އުޑުތަކަށާއި ބިމަށާއި ފަރުބަދަތަކަށް އަމާނަތް ހުރައެޅުއްވީމެވެ. އެ އުފުލުމަށް އެތަކެތި ނުކުޅެދުންތެރިވެ އެބުރަ ނުޖެއްސެވުމަށް އެދި ރަޙްމަތަށް ދެނަނެވިއެވެ. އެހިދު އިންސާނާ އެއަމާނަތް އުފުލިއެވެ. ހަމަކަށަވަރުން އޭނާއަކީ އޭނާގެ އަމިއްލަ ނަފްސަށް ވަރަށް އަނިޔާވެރިމީހެކެވެ. އަދި އޭނާއަށް އުފުލޭވަރުގެ ކުޅަދާނަކަންހުރި ކަންތައްތައް ނުދަންނަ ޖާހިލެކެވެ. "


5- ލަދުވެތިކަން :

ލަދުވެތިކަމާބެހޭގޮތުން ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވާފައިވެއެވެ. { إن لكل دين خلق الإ سلام الحياء} - مالكء – މާނައަކީ : " ހަމަކަށަވަރުން ކޮންމެ ދިނަކަށް ޚުލްޤެއްވެއެވެ. އިސްލާމްދިނުގެ ޚުލްޤަކީ ލަދުވެތިކަމެވެ." އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. { الحياء رالإ يمان فرناءجميعافاذارفع أ حد همارفع الآخر} – الحاكم - މާނައަކީ : " ލަދުވެތިކަމާއި އީމާން ކަމަކީ އެކުއެކުގައިވާ ދެސިފައެވެ.ފަހެ އޭގެތެރެއިން އެއްސިފަނެތިއްޖެނަމަ އަނެއްސިފަނެތި ހިގައިދެއެވެ."

އެހެންކަމުން މުސްލިމެއް ވެއްޖެނަމަ ލަދުވެތިކަމުގެ ސިފަ ހުނަންޖެހެއެވެ.


މައިންބަފައިންނަށް އިޙްސާންތެރިވުން:

މައިންބަފައިންނަށް އިޙްސާންތެރި ވުމަށް އިސްލާމްދީން އަމުރުކުރައްވާފައިވެއެވެ. މާތް ﷲ ވަހީކުރައްވާފައިވެއެވެ.

ﮞﮟ الإسراء: ٢٣ – ٢٤

މާނައަކީ: " އެކަލާނގެއަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުރުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެދެމީހުންކުރެ އެކަކު، ނުވ އެދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާއި ހަމަޔަށް ފޯރައްޖެނަމަ އެދެމީޙުންނަށް އުފްވެސް ނުބުނާށެވެ. ( އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ! ) އަދި އެދެމީހުންނަށް އަޑުލައި ނުހަދާށެވެ. އަދި މާތް ބަހަކުން އެދެމީހުންނަށް ބަސް ބުނާށެވެ. އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ!އަޅުގެ ވެރި ރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީދުވަހު، އެދެމީހުން މިއަޅާ ބަލައި ބޮޑު ކުރިފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!"

މި އާޔަތުގައި ﷲ އަށް އަޅުކަން ކުރުމާއި ވިދިގެން މައިންބަފައިންނަށް ކަމޭހިތުމަށް އަންގަވާފައިވުމުން އިސްލާމްދީނުގައި މިކަމަށް ދެއްވާފައިވާ އަހައްމިއްޔަތުކަން ހާމަވެގެންދެއެވެ. އަދި މިނޫން އެހެން އާޔަތްތަކުގައިވެސް މިބީދައިން އައިސްފައިވެއެވެ. އަދި މީގެ އިތުރުން ރަސޫލާ (صلى الله عليه وسلم) ގެ ޙަދީޘްފުޅުތަކުންވެސް މިކަމުގެ މުހިމުކަން އެނގިގެންދެއެވެ.

ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ އަރިހުގައި އެންމެ ހެޔޮޢަމަލަކީ ކޮބައިތޯ އަޞްޙާބުބޭކަލަކު ސުވާލުދެންނެވުމުން ހަދީޘްކުރެއްވިއެވެ.

{أفضل العمل الصلاة لوقتها و برُّ الوالد ين و الجهاد ( احمد)} މާނައީ: " އެންމެ ހެޔޮ ޢަމަލަކީ ވަގުތުގައި ނަމާދުކުރުމާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ޖިހާދުކުރުމެވެ."

وَالْحَمْدُ لِلِه رَبِّ الْعَالَمِيْنَ.