بنو أمية - އުމަވީ ދައުލަތް


ލިޔުނީ : އަހްމަދު ބިން ޢަބްދުއްލަތީފް


އުމަވީ ދައުލަތް ފެށިގެން އައި ގޮތް

ޤުރައިޝުންގެ މަޝްހޫރު ދަރިކޮޅުތަކުގެ ތެރެއިން "އުމައްޔާ" ދަރިކޮޅު ހިމެނިވަޑައިގަންނަވައެވެ. އުމައްޔާ ދަރިކޮޅު ނިސްބަތްވެވަޑައިގަންނަވަނީ އުމައްޔާ ބިން ޢަބުދު ޝަމުސު ބިން ޢަބުދު މަނާފްއެވެ. މި ދަރިކޮޅުގެ މީހުން އިސްލާމްދީން ޤަބޫލުކޮށްފައިވަނީ އަބޫ ސުފިޔާން އިސްލާމްދީން ޤަބޫލުކުރާމާ ގުޅިގެންނެވެ. އެއީ މުސްލިމުން މައްކާ ފަޠަޙަކުރެއްވި ދުވަހުއެވެ. އެހެންކަމުން އެންމެފަހުން އިސްލާމްދީން އިޚްތިޔާރުކުރީ އުމަވީ ދަރިކޮޅުގެ މީހުންނެވެ. އެމީހުން އިސްލާމްވުމަށްފަހު އިސްލާމްދީނަށް ވަރަށް ގިނަ ގުނަ ޚިދުމަތްތަކެއްކޮށްދިނެވެ.

މުސްލިމުންގެ ތިންވަނަ ޚަލީފާ ޢުޘްމާން ބިން އައްފާން ހިމެނިވަޑައިގަންނަވަނީ އުމަވީންގެ ތެރޭގައެވެ. އެހެންކަމުން ޢުޘްމާނުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރު އެކަލޭގެފާނުގެ ޢާއިލީ ބޭފުޅުންނަށް އެކި މަޤާމްތައް ޙަވާލުކުރެއްވިއެވެ. އެގޮތުން މުޢާވިޔާ ބިން ސުފްޔާނަށް ސީރިޔާގެ ގަވަރނަރުކަންދެއްވިއެވެ.

ޢުޘްމާނުގެފާނު ޝަހީދުވުމާ ގުޅިގެން މުސްލިމުންގެ ތެރޭގައި ފިތުނަވެރިކަން އިތުރުވެގެންދިޔައެވެ. އެއީ މީލާދީން 656ގައެވެ. އެހެންކަމުން މަދީނާގެ އަހްލުވެރިންނާއި އަދި އެހެނިހެން މުސްލިމުން އެދިވަޑައިގަތީ އެމީހުންގެ ހަތަރުވަނަ ޚަލީފާއަކަށް ޢަލީގެފާނު ޢައްޔަންކުރެއްވުމަށެވެ. މިކަމުގެ ސަބަބުން މުޢާވިޔާ ބިން ސުފިޔާން އާއި އަލީގެފާނުއާ ދެމެދު ވަރުގަދަ ފިތުނައިގެ އަލިފާންގަނޑެއް ރޯވެގެންދިޔައެވެ. މުޢާވިޔަތުގެފާނު އަލީގެފާނު ވެރިކަމަށް އިސްކުރެވުނު އިރު އެކަމާ ތަޢާރުޟުކޮށް ދެކޮޅުހެއްދެވިއެވެ. މިފިތުނަވެރިކަމުގެ ސަބަބުން ޢަލީގެފާނު މައްކާ ދޫކުރައްވާ ކޫފާއަށް ވެރިކަން ބަދަލުކުރެއްވިއެވެ. އެތަނުގާ އެކަލޭގެފާނަށް ތަބަޢަވީ ވަކި ޖަމާޢަތެއް އުފެދިގެން ދިޔައެވެ. އެއީ ޝިޔަޢީންނެވެ. މިފިތުނައިގެ ސަބަބުން މުޢާވިޔަތުގެފާނުގެ ލަޝްކަރާއި ޢަލީގެފާނުގެ ލަޝްކަރާއި ދެމެދު ސިއްފީނު ނަންދެވިގެންވާ ހަނގުރާމައެއްކުރެއްވިއެވެ. މި ހަނގުރާމަ ނިމގެންދިޔައީ އެއްވެސް ބަޔަކު ކާމިޔާބީއެއްލިބިގެނެއްނޫނެވެ. ދެބައިމީހުންވެސް އެއްބަސްވީ ޞުލްޙައިގެ ވާހަކަދައްކައިގެން ހަނގުރާމަ ހުއްޓާލުމަށެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޢަލީގެފާނުގެ ތެރެއިންވާ މަދުމީސްކޮޅު އެކަލޭގެފާނާ ދެކޮޅަށް މަސައްކަތްކުރަންފެށުމެވެ. އެއީ ޚަވާރިޖުންނެވެ. އެމީހުންގެ ތެރެއިން މުލްޖަމް އޭ ކިޔުނު މީހަކު ޢަލީގެފާނު ފަތިސްނަމާދަށް ނުކުމެވަޑައިގަތްވަގުތު ވިހަލާފައިވާ ހަންޖަރަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލެއްވިއެވެ. އަދި އެ ޒަޚަމްތަކަގެ ސަބަބުން އެކަލޭގެފާނު ރަމަޟާންމަހު 17ވީ ދުވަހު ޝަހީދުވިއެވެ.

ހިޖްރައިން 40ވަނަ އަހަރު ޢަލީގެފާނު ޝަހީދުވުމުން މުޢާވިޔަތުގެފާނު ޢިރާޤްކަރައިގެ ކޫފާވަޑައިގެން އެކަލޭގެފާނަކީ މުސްލިމުންގެ ޚަލީފާކަމަށް ޢިއުލާންކުރެއްވިއެވެ. އަދި ޢަލީގެފާނުގެ 2 ދަރިކަލުންކަމަށްވާ ޙުސައިނުގެފާނާއި ޙަސަނުގެފާނު މުޢާވިޔަތު ބިން އަބީ ސުފިޔާނަށް ބައިޢަތު ހިއްޕެވިއެވެ. އެއީ ހިޖުރައިން 41ވަނަ އަހަރުގައެވެ. މިއަހަރަށް "ޢާއްމުލް ޖަމާޢާ"އޭ ކިޔުނެވެ. މިއީ އުމަވީ ދައުލަތް ފުރިހަމަ ސިފައިގައި އުފެދިގެންއައި ދުވަސްވަރެވެ.

މުޢާވިޔަތު ބިން އަބީ ސުފިޔާނަށް ވެރިކަން ލިބުމުން އިސްލާމުންގެ ވެރިރަށެއްގެ ގޮތުގައި އިޚްތިޔާރު ކުރެއްވީ ދިމްޝްޤެވެ. އުމަވީ ދައުލަތުގައި ޚަލީފާކަންކުރެއްވީ 14 ބޭކަލުންނެވެ. އެބޭކަލުންގެ ތެރޭގައި މުޢާވިޔަތުގެފާނުގެ ދަރިކޮޅުން އުމަވީ ދައުލަތުގައި ވެރިކަން ކުރެއްވީ 24 އަހަރުވަންދެން 3 ބޭކަލުންނެއެވެ. އެއީ ހިޖްރައިން 41 އަހަރުން ފެށިގެން ހިޖުރައިން 64 ވަަނަ އަހަރުގެ ނިޔަލަށެވެ. އެބޭކަލުންނަކީ މުޢާވިޔަތު ބިން އަބީ ސުފިޔާން ، ޔަޒީދު ބިން މުޢާވިޔަތު، މުޢާވިޔަތު ބިން ޔަޒީދެއެވެ.

ދެންވެރިކަމަށް އައި މަރުވާނުގެ ދަރިކޮޅުގެ މީހުންނެވެ. މަރުވާން ދަރިކޮޅުން އުމަވީ ދައުލަތުގައި ވެރިކަން ކުރެއްވީ 64 އަހަރުވަންދެން 11 ބޭކަލުންނެވެ.އެއީ ހިޖުރައިން 64ވަނަ އަހަރުންފެށިގެން 132 އަހަރުވީ އުމަވީ ދައުލަތުގެ ނިމުމާ ހަމައަށެވެ. މަރުވާން ދަރިކޮޅުގައި ވެރިކަންކުރެއްވި ބޭފުޅުންނަކީ 1. މަރުވާން ބިން ޙަކަމް، 2. ޢަބްދުލް މަލިކް ބިން މަރުވާން، 3. އަލްވަލީދު ބިން ޢަބްދުލް މަލިކް، 4. ސުލައިމާން ބިން ޢަބްދުލްމަލިކް، 5. ޢުމަރު ބިން ޢަބްދުލް ޢަޒީޒް، 6. ޔަޒީދު ބިން ޢަބްދުލް މަލިކް، 7. ހިޝާމް ބިން ޢަބްދުލް މަލިކް، 8. ވަލީދު ބިން ޔަޒީދު ބިން ޢަބްދުލް މަލިކް، 9. ޔަޒީދު ބިން ވަލީދު ބިން ޢަބްދުލް މަލިކް، 10. އިބްރާހިމް ބިން ވަލީދު ބިން ޢަބްދުލް މަލިކް، 11. މަރުވާން ބިން މުޙައްމަދު ބިން މަރުވާން ބިން ޙަކަމް އެވެ. އުމަވީން ގާތްގަޑަކަށް 91 އަހަރުވަންދެން ވެރިކަންކުރެއްވިއެވެ.


އުމަވީ ދައުލަތުން އިސްލާމްދީން ފެތުރުއްވުމަށް ކުރެއްވި މަސައްކަތް

އުމަވީ ދައުލަތުން އިސްލާމީދީން ފެތުރުމަށް ވަރަށް މަސައްކަތްކުރެއްވިއެވެ. އެމީހުން ކޮށްފައިވާ ގިނަ ހަނގުރާމަތަކަކީ އިސްލާމްދީނަށްޓަކައި އެދީން މަތިވެރިކޮށް ފެތުރުމުގެ ގޮތުން ކުރެއްވި ހަނގުރާމަތަކެވެ. އެއްވެސް ޙާލަތެއްގައި ބިންތައް ހޯދުމަށާއި މުދާތަކެއް ހޯދުމުގެ ބޭނުމުގައި ކުރެވިފައިވާ ހަނގުރާމަތަކެއް ނޫނެވެ. އެގޮތުން އިސްލާމްދީން ޔޫރަޕާއި އެފްރިކާއި އޭޝިޔާއަށް ފެތުރިގެން ދިޔައެވެ.

ޔޫރަޕަށް ބަލާއިރު ޠާރިޤް ބިން ޒިޔާދުގެ ވެރިކަމުގެ ދަށުން ސްޕެއިން ވާޞިލްވެ ޤުރުޠުބާއި އަންދުލަސް ފަތަޙަ ކުރެއްވިއެވެ. އަދި ފުރާންސާއި ސްވިޒަލޭންޑްގެ ބައެއް ބިންތައްވެސް މުސްލިމުން ބާރުގެ ދަށަށްގެންނެވިއެވެ.

އެފްރިކާއަށް ނިސްބަތްކުރާއިރު ޢަޤަބާ ބިން ނާފިޢުގެ ވެރިކަމުގެ ދަށުން އުތުރު އެފްރިކާގެ ހުރިހާ ރަށެއް ފަތަޙަކުރައްވައި ، އެފްރިކާގެ ހުޅަނގު ބިތުގައިވާ އެޓްލާންޓިކް ކަނޑުގެ އައްސޭރިފަށުގައިވާ ބިންތައްވެސް ފަޠަޙަކުރެއްވިއެވެ.

އޭޝިޔާއަށް ބަލާއިރު މުހައްމަދު ބިން ޤާސިމް އައްޘަޤަފީގެ ވެރިކަމުގެ ދަށުން ކާބުލް އާއި ސިންދުގެ ރަށްތައްފަޠަޙަކުރެއްވިއެވެ.


އުމަވީ ދައުލަތުން ޢިލްމު ފެތުރުމަށްޓަކައި ކުރެއްވި މަސައްކަތް

ތަފާތު ވައްތަރުގެ ޢިލްމުތައް ކުރިއަރުވައި އެޢިލްމު ފެތުރުމަށްޓަކައި އުމަވީން ވަރަށްބޮޑެތި މަސައްކަތްތަކެއްކުރެއްވިއެވެ. މިގޮތުން އެދުވަސްވަރުގެ މަޝްހޫރު ޢިލްމީ މަރުކަޒުތަކަކީ މައްކާ، މަދީނާ، ދިމްޝްޤު، ބަޞަރާ، ކޫފާ، އަދި އިސްކަންދަރިއްޔާފަދަ ތަންތަނެވެ. މައްކާއި މަދީނާއިން ޤުރުއާނުގެ ޢިލްމު ފާޅުވެގެންދިޔައެވެ. އަދި ޢަރަބިބަހުގެ ޤަވާޢިދެއް އެކުލާވާލެވި، ޤުރުއާނުގައި ފުރަތަމަ ފަހަރަ މިހާރު ފިލިޖެހިފައިމިވާ ގޮތަށް ފިލިޖެއްސެވީ އުމަވީދައުލަތުގައެވެ. ކީރިތި ރަސޫލާގެ ޙަދީޘް ޢިލްމުވެސް ރަސްމީކޮށް ބެލެހެއްޓެން ފެށުނެވެ. ތަފްސީރު ޢިލްމުވެސް ވަކި ޢިލްމެއްގެ ގޮތުގައި ފާހަނގަވެ އެރޮގުން ކުރިއަރާފައިވަނީ ޢަބްދުﷲ ބިން ޢައްބާސް އާއި މުޖާހިދު ބިން ޖާބިރު އާއި އިކްރިމާ ބިން ޢަބްދުﷲ ފަދަ ބޭކަލުންނެވެ.

ދީނީ ޢިލްމުގެ އިތުރުން އެހެނިހެން ޢިލްމުތައްވެސް ކުރިއެރުވުމަށް އުމަވީންދިޔައީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކެމިސްޓްރީ އާއި ތާރީޚީ ސިނާޢީ ޢިލްމުތައް ފުޅާކުރުމަށް މަސައްކަތްކުރެއްވިއެވެ. އަދި ގުރީކް ފަލްސާފާވެރިންނާއި އެހެނިހެން ފަލްސާފާވެރިންގެ ފޮތްތައް ތަރުޖަމާ ކުރެވުމުގެ މަސައްކަތް އުމަވީދައުލަތުގާ ފެށިގެންދިޔައެވެ.


އުމަވީ ދައުލަތުގައި ފާހަނގަވާ ޙަރަކާތްތައް

އުމަވީ ދައުލަތުގާ އެންމެ ފުރަތަމަ ކަނޑުގެ ލަޝްކަރެއް ޤާއިމްކުރެވުނެވެ. އަދި ސިފައިންގެ ބައިތައް އުފެއްދެވިއެވެ. އާގުބޯޓު އުފެއްދުމާއި ކަރުދާސް އުފެއްދުމާއި ޕޯސްޓްގެ ޚިދުމަތް ދޭންފެށުނެވެ. އަދި މިސްކިތްތަކުގެ މިޙްރާބް ބެހެއްޓުމާއި، މުންނާރުތައް ބެހެއްޓުމާއި، ބަގީޗާއި ގޭޓް ފަދަތަކެތި އުފެއްދެވިއެވެ. މިހާރު އުމަވީ ދައުލަތުން ކޮށްފައިވާ މަސައްކަތް އެންމެ ރަނގަޅަށް ފެންނަން ހުރި ތަންތަނަކީ ތޫނިސްގައި ހުރި ޒައިތޫނި މިސްކިތާއި ޤައިރުވާނުގައި ހުރި ބޮޑު މިސްކިތުގެ މުންނާރާއި ، އަންދުލަސްގައި އެވާ ބަގީޗާތަކާއި މިސްކިތްތަކެވެ.

އުމަވީދައުލަތުގައި ވެރިކަން ކުރެއްވި ޚާއްސަ ޚަލީފާއިން


މުޢާވިޔަތު ބިން އަބީ ސުފިޔާން ރަޟިޔަﷲ ޢަންހު

މުޢާވިޔަތު ބިން އަބީ ސުފިޔާން ރަޟިޔަﷲ ޢަންހުއަކީ އުމަވީ ދައުލަތުގެ ބާނީއެވެ. އިސްލާމްވެ ވަޑައިގެންނެވީ ހިޖްރައިން 8ވަނަ އަހަރު މައްކާ ފަތަޙަ ކުރެއްވިދުވަހުގައެވެ. ކީރިތި ރަސޫލާ އަރިހުން 130 ޙަދީޘް ރިވާކުރައްވާފައިވެއެވެ. ޚަލީފާކަމުގައި މުސްކުޅިވަންދެން ދެމިހުންނެވިއެވެ. އެންމެ ފުރަތަމައަށް މެދުތެރޭ ކަނޑު ހުރަސްކުރެއްވީ ވެސް މުޢާވިޔަތުގެފާނެވެ. ކަނޑުގެ ލަޝްކަރެއް ތައްޔާރުކުރައްވާ ޕޯސްޓުގެ ޚިދުމަތް ދޭންފެށީ މުޢާވިތުގެފާނެވެ. އެކަލޭގެފާނު ވެރިކަން ކުރައްވާނެ ރަށެއްގެ ގޮތުގައި ހަމަޖެއްސެވީ ދިމިޝްޤުއެވެ. އަވަހާރަވެވަޑައިގެންނެވީ ހިޖްރައިން 60ވަނަ އަހަރު ދިމިޝްޤުގައެވެ.


ޢަބްދުލް މަލިކް ބިން މަރުވާން ބިން ހަކަމް

އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖްރައިން 26 ވަނަ އަހަރުގައެވެ. އެކަލޭގެފާނަަކީ ދީންވެރި އަޅުވެރިބޭކަލެކެވެ. މަރުވާން ބިން ހަކަމް، އެކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަވުމުން ހިޖްރައިން 65 ވަނައަހަރު ޚަލީފާކަމަށް އިސްވެވަޑައިގަތެވެ. އެކަލޭގެފާނުގެ ވެރިކަމުގާ ރޫމީ، ފާރިސީ އަދި ޢަރަބި ރަށްތަކުގައި ވެރިކަން ހިންގާފައިވެއެވެ. އެކަލޭގެފާނު ކުރެއްވި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި މައްކާގައިވާ ގެފުޅު ތަޅާލެއްވުމަށްފަހު މިހާރު އެފެންނަށް ގޮތަށް ބިނާކުރެއްވިއެވެ. އަވަހާރަވީ ހިޖްރައިން 86ވަނަ އަހަރު ދިމިޝްޤުގައެވެ.


ޢުމަރު ބިން ޢަބްދުލް ޢަޒީޒު ރަޟިޔަﷲ ޢަންހު

މިއީ މުސްލިމުންގެ 5ވަނަ ޚަލީފާކަމުގައި ބުނެވެއެވެ. އެކަލޭގެފާނު ވެރިކަމާ ޙަވާލުވެވަޑައިތީ ހިޖުރައިން 99 ވަނަ އަހަރުގައެވެ. މީސްތަކުންގެ މެދުގައި ޢަދުލުވެރިކަމާއި އިންސާފުގާއިމްކުރެއްވިއެވެ. ރައްޔިތުންގެ ޙައްޤުތައް އަދާކުރެއްވުމުގެ މަސައްކަތް ފެއްޓެވިއިރު އެކަލޭގެފާނު އެންމެ ފުރަތަމަ ފެއްޓެވީ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ގޭތެރެއިންނެވެ. އެކަލޭގެފާނު އެންމެ ބޮޑަށް ފާހަނގަކޮށްލެވިފައިވަނީ ރައްޔިތުންގެ ޙައްޤުތައް ރައްކައުތެރިކުރެއްވުމަށާއި ، މިޙައްޤުތައް ހިމާޔަތްކުރެއްވާ ބޭކަލެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް ފޮތްފޮތުގައި ލިޔެ ރައްކައުތެރކުރުމަށް އެންމެ ފުރަތަމަ އަމުރުކުރެއްވި ބޭކަލަކީ ޢުމަރު ބުން ޢަބްދުލް ޢަޒީޒެވެ. އެކަލޭގަފާނު އަވަހާރަވީ ހިޖްރައިން 101 ވަނަ އަހަރުގައެވެ.


މަރުވާން ބިން މުޙައްމަދު ބިން މަރުވާން ބިން ހަކަމް

ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 127 ވަނަ އަަހަރުގައެވެ. މިއީ އުމަވީންގެ އެންމެފަހު ޚަލީފާއެވެ. އެކަލޭގެފާނު ފާހަނގަ ކުރެވިފައިވަނީ ވަރަށް ގިނަ ހަނގުރާމަތަކެއް ކުރެއްވ ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައެވެ. އުމަވީންގެ ވެރިކަން ނިމުމަކަށް އައީ ހިޖުރައިން 132ވަނަ އަހަރު ޚަލީފާ މަރުވާން ބިން މުހައްމަދު ބިން މަރުވާން ގަތުލުުކުރެއްވުމުންނެވެ.


އުމަވީ ދައުލަތުގެ ދުވަސްވަރު ހިނގާދިޔަ ހަނގުރާމަތައް


ސްޕެއިން ފަޠަޙަ ކުރެއްވުން

ސްޕެއިންއާއި ހަނގުރާމަކުރަން ޖެހުނީ އެތަނުގައި އޮތް ޤޫޠުންގެ އަނިޔާވެރިކަން ނިމުމަކަށް ގެންނެވުމަށްޓަކައެވެ. މިހަނގުރާމަ ހިނގީ ޚަލީފާ ވަލީދު ބިން ޢަބްދުލް މަލިކްގެ ވެރިކަމުގައި ހިޖްރައިން 92 ވަނަ އަހަރުގައެވެ. މިހަނގުރާމަ ކުރުމަށްޓަކާ މުސްލިމުންގެ ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ ޠާރިޤް ބިން ޒިޔާދުއެވެ. ހަނގުރާމަ ހިނގީ ސްޕޭނުގެ "ވާދީ ލަކްތު" ކިޔާ ހިސާބެއްގައެވެ. މިހަނގުރާމައި ގުޅިގެން މުސްލިމުން "ޤުރުޠުބާ" "ޣަރުނާތާ" ފަދަ ތަންތަން ފަތަޙަކުރެއްވިއެވެ.


އުތުރު އެފްރިކާގެ ރަށްތައް ފަޠަޙަ ކުރެއްވުން

މިހަނގުރާމައިގައި ފަޠަޙަ ކުރެވުނު ރށްތަކަކީ ޠަރާބުލުސް އާއި ފަޒާން އާއި މޮރޮކޯގެ ބައެއް ރަށްތަކެވެ. މިހަނގުރާމަ ކުރެވުނީ ހިޖްރައިން 50ވަނައަހާރާއި 69 އަހަރާ ދެމެދުގައެވެ. މިހަނގުރާމަ ކުރެވުނީ ބަރުބަރީންނޭ ކިޔުނުބަޔަކާއެކުގައެވެ. މުސްލިމުންގެ ލަޝްކަރުގެ ކޮމާންޑަރަކަށް ހުންނެވީ ޢަޤަބާ ބިން ނާފިޢުއެވެ.


މަމްސް ހަނގުރާމަ

މިއީ ރޫމީންނާއި ބަރުބަރީންނާއި ދެކޮޅަށް މުސްލިމުން ކުރި ހަނގުރާމައެކެވެ. މިހަނގުރާމަ ހިނގީ ޚަލީފާ ޢަބްދުލް މަލިކް ބިން މަރުވާންގެ ދުވަސްވަރު ޤައިރުވާން އޭ ކިޔުނު ރަށުގައެވެ. މުސްލިމުންގެ ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ ޢަޤަބާ ބިން ނާފިޢުއެވެ. މިހަނގުރާމައިގައި އެކަލޭގެފާނު ޝަހީދުވިއެވެ. ދެން އެމީހުންނާ މުސްލިމުންގެ ވެރިޔަކަށް ހުންނަވައިގެން ޒުހައިރު ބިން ޤައިސް ހަނގުރާމަކުރެއްވިއެވެ.



މަރުޖިޢުތައް

1. ދަ ހިސްޓުރީ އޮފް އިސްލާމް

2. އިސްލާމީ ތަރުބިއްޔަތު ގުރޭޑް 10

3. ކުލާސް ހޭންޑްއައުޓު

http://www.kavaasaa.com/dheen/tharik/umavee_dhaulai.htm