މަރު
އަބޫ ފަޟީލް

އަހުރެން އަހުރެންގެ ނަފްސަށާއި ތިޔަ އެންމެހާ އަޚުންނަށް މިފަޞިއްޔަތްކުރަނީ ﷲ އަށް ތަޤްވާވެރި ވުމަށް. އެހެނީ ﷲ އަށް ބިރުވެތިނުވާ ކޮންމެ މީހަކު މަގުފުރެދޭނެ. ﷲ ވަޙީކުރައްވާފައިވޭ.

((އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ ބިރުވެތިވެ ތަޤްވާވެރިވުން މަތީ ދެމިތިބެއްޖެ ނަމަ ތިޔަބައިމީހުންނަށް فُرْقَانُ އެއް (އެބަހީ: ހެވާއި ނުބައި ދެނެގަންނާނެ އެއްޗެއް) ލައްވާ ހުށީމެވެ.)) (8:29)

ﷲ ގެ އަޅުތަކުންނޭ! ﷲގެ ޢަޛާބަށް ބިރުވެތިވާ މީހާއަށް ހެޔޮކަންތައްތައް ކުރުން ފަސޭހަވާނެ. ނަމަވެސް ދޮގު އުއްމީދު ތަކެއް ކުރާ މީހާ ހެޔޮޢަމަލުތައް ކުރުމުގައި ކަންނެތްވެ، އެންމެ ފަހުން ނުބައިކަންތައްތައް ކުރުން ގިނަވެދޭ. ނަމަވެސް މުސްތަޤުބަލް ވަނީ ކައިރީގައި. އަހަރެމެންގެ ވެރި رَبُّ އަހަރެމެން ހެއްދެވީ ބޭކާރު ގޮތެއްގައެއް ނޫން. ވީއިރު އަހަރެމެން ދާނެ މިޞްރާބަކަށް ދިއުމަކަށް ދޫކޮށެއް ނުލައްވާނެ. ވީއިރު މާދަމާ ތިބާއަށް ސަލާމަތް ކަމެއް ހޯދައި ދޭނެ ކޮއްތެއް ހޯއްދަވާ.
މަރުގެ ވަޤުތު ވަނީ ވަންހަނާކުރެއްވިގެން. އުއްމީދުތައް ދަނީ އިންސާނާ ހެއްލުތެރިކުރަމުން. މީހަކު މަރުވެއްޖެ ނަމަ ދިރިތިބީން އެމީހަކު ފެންފަރުވައި، ތައްޔާރު ކުރޭ. އެ މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރޭ. އަދި އެ މައްޔިތާގެ ދާއިމީ ގެއަށް އޭނާ ގެންދަނީ ދިރިތިބީންގެ އަތްތަކުން. ތިބާއަށް ފެންނާނެ އޭނާގެ ތިމާގެ މީހުން ކޮންމެވެސް ވަރަކަށް ހިތާމަކުރަނިކޮށް. ނަމަވެސް އިސާހިތަކު އެމީހުން އެކަންތައް ހަނދުމަ ނައްތާލާފައި، ދުނިޔޭގެ މަޖަލުގެ ތެރެއަށް ގެނބިދޭ. ޣާފިލުކަން އެމީހުންގެ މައްޗަށް ގަދަވެދޭ

ޢިއްޒަތްތެރި އަޚުންނޭ! މިޙަޔާތަކީ ޣާފިލުންގެ މައްޗަށް ވާ ޙުއްޖަތެއް. އެމީހުންގެ ދުވަސްތައް އެމީހުން ގެންދަނީ އަބާއްޖެވެރިކަމާއި ދިމާލަށް. ހެޔޮޢަމަލު ކުރުމަކާއި ނުލައި އާޚިރަތުގެ ދަރުމައާއި ޘަވާބަށް މީހަކު އުއްމީދު ކުރާނީ ކިހިނަކުން؟ ޣާފިލުކަމާއި، ދުނިޔޭގައި ގިނަ ދުވަހު ދިރިއުޅޭނެކަމުގެ އުއްމީދުގެ ތެރެއަށް ޣަރަޤުވެފައިވާ މީހަކު ތަވްބާވާނީ ކިހިނަކުން؟
ޣާފިލުންނަށް ހަލާކުހުރި. އޭނާއަށް އެއްޗެއް ދެވުނަކަސް އެނާ ހިންހަމައެއް ނުޖެހޭ. އަދި އޭނާ ކަމަކުން މަޙްރޫމު ވެއްޖެނަމަ ހިތާމަކުރޭ. އޭނާ އަމިއްލައަށް ނުކުރާ ކަންތައްތަކަށް އެހެން މީހުންނަށް އޭނާ އަމުރުކުރޭ. އޭނާ އެކަންކަމުން މަނާވެ ނުގަންނަ ކަންތައްތައް މީސްތަކުންނަށް އޭނާ މަނާކުރޭ. އޭނާ އަބަދާއި އަބަދު އެހެންމީހުންގެ ކުށްތައް ހޯދާ އެވާހަކަ ދައްކާ، އަދި އަމިއްލަ ނަފްސު ފުރިހަމަ ކަމުގައި ދެކޭ.

ދުނިޔޭގެ ޙަޔާތުގެ އުފަލަށް ގެނބި ޣާފިލުވެގެންވާ މީހުންނޭ! ދުނިޔޭގެ ޙަޔާތަށް އިތުބާރުކުރި ކިތައް މީހުންނަށް ދުނިޔޭގެ ޙަޔާތް ޚިޔާނާތްތެރިވިބާ؟ މަކަރުވެރި ކިތައް އަނިޔާވެރިންނަށް ދުނިޔޭގެ ޙަޔާތް އޮޅުވާލިބާ؟ ކިތައްކިތައް ކިބުރުވެރިން ދަށްކޮށް، ކިތައް ޢިއްޒަތްތެރިން ނިކަމެތިކޮށްލިބާ؟

މިޙަޔާތުގައި ލިބޭ އާރާއި ބާރަކީ ބަދަލުވޭވޭ ހުންނަ އެއްޗެއް. އެއްވަރެއްގައި ދެމިހުންނަ އެއްޗެއް ނޫން. މިޙަޔާތުގެ ފޮނިކަމަކީ ވަރަށް އަވަހަށް ހިތިވެދާ އެއްޗެއް. އޭގެ ހިތިކަމަކަން ވެސް އެހާ އަވަހަށް ފޮނިވެދޭ. ބާރުގަދަ ވެރިން ބަލިކޮށްލެވޭ. ޙަޔާތަކީ ކުރުއެއްޗެއް. އޭގައިވާ މަތިވެރި އެއްޗެއްސަކީ މަދު އެއްޗެއް. ޙަޔާތް ވަރަށް އަވަހަށް ދަވްރުކުރަމުންދޭ. އޭގެ އުފާތައް ވަރަށް އަވަހަށް ހިތާމައަށް ވެދޭ. ޞިއްޙަތު ބަލިކަމަށް ބަދަލު ވެދޭ. މުދާވެރިކަން ހައިހޫނުކަމަށް ބަދަލުވެދޭ. އޭގެ ދުވަސް ތަކަކީ ހެއްލުންތެރި ކުރުވާ މަކަރުވެރި ދުވަސް ތަކެއް. އޭތި އަމުރުކުރަނީ ނުބައިކަންކަމަށް. އޭގައި ވަނީ ފިލައި ދަނިވި ހިނދުކޮޅެއްގެ އުފާތަކެއް، އުދަނގޫތަކާއި މަރު. އޭގެ ބިނާ ނިކަން އަވަހަށް ފުނޑުފުނޑު ވެދޭ. އޭގައި މީހުން އެކަތިގަނޑަކަށްވެ ހަމައެހާ އަވަހަށް ބައިބައިވެދޭ. އޭގައި ވާ ކޮންމެ އެއްޗެއް މައްޓަށް ވެދޭ.

ކިތަންމެ ގިނައިން ލިބުނު ކަމުގައި ވިޔަސް، ޣާފިލުންގެ ހިތެއް ނުފުރޭ. އެމީހުން އެދޭ ހުރިހާ ކަމެއް އެމީހުންނަކަށް ނުލިބޭ. އެމީހުންނާއި ކުރިމަތިލުމަށް ބަލަބަލައި ހުރި އެއްޗަށް އެމީހުން ތައްޔާރެއް ނުވޭ. އެމީހުން އެއްކުރޭ، ނަމަވެސް އެއިން އެމީހުންނަކަށް ފައިދާއެން ނުކުރޭ. އެމީހުން ޢިމާރާތްތައް ބިނާކުރޭ، ނަމަވެސް އެތަންތާގައި އެމީހުންނަކަށް ދިރިއެއް ނުއުޅެވޭ. ނުލިބޭނޭ ތަކެއްޗަށާއި ނުވާނޭ ކަންކަމަށް އެމީހުން އުއްމީދުކުރޭ. ﷲ ވަޙީކުރެއްވިއެވެ.

(އެބައިމީހުން ކައިބޮއި އުޅުމަށާއި، ދުނިޔޭގެ އުފާލިބިގަތުމަށާއި، އަޞްލެއްނެތް ދޮގު އުންމީދުތައް، އެބައިމީހުން މަޝްޢޫލުުކުުރުމަށް ތިބާ އެބައިމީހުން ދޫކޮށްލައްވާށެވެ! ފަހެ އެބައިމީހުންނަށް ނިކަން އަވަހަށް އެނގިދާނެއެވެ.) ((15:3))

ގިނަދުވަހު ދުނިޔޭގައި ދިރިހުރުމަށް އުއްމީދުކުރާ މީހުން ޢިމާރާތްތައް ބިނާކުރޭ، އަދި އެއިމާރާތް ތަޅާލާ. އޭނާ އަންދާޒާކުރޭ، ނަމަވެސް އޭނާގެ އަންދާޒާ ނުބައިވޭ. އޭނާ ކުރާނަމޭ ބުނާކަންކަމެއް އޭނާއެއް ނުކުރޭ. އޭނާ ރާވާ ރޭވުން ތަކާއި އެއްގޮތަށް އޭނާ ކަންތަކެއް ނުކުރޭ. ކަންތައްތައް ހިނގަނީ އޭނާ ރާވާ ރޭވުމާއި މުޅިން ޚިލާފަށް. އޭނާ ކުށްފާފަކޮށް އަނިޔާވެރިވޭ. ތަވްބާވުން ފަސްކުރޭ. ކުއްލިއަކަށް މަރުއަތުވެދޭ. ނަމަވެސް އޭނާގެ ދިގު ޢުމުރުގައި އޭނާ ކުރި އެންމެހާ ކަންތައްތަކުން އޭނާއަށް މަންފާއެއް ނުކުރޭ. އޭނާގެ ލޯބިވާ ތިމާގެ މީހުންނާއި ރަޙްމަތްތެރިން ކަށްވަޅުގައި އޭނާ އެކަނި ބާއްވާފައި ހިނގައިދޭ. ﷲ ވަޙީކުރައްވާފައިވޭ.

(ތިބާއަށް އެނގިވަޑައި ގަންނަވާތޯއެވެ؟ ތިމަން އިލާހު އެބައިމީހުން އެތައް އަހަރަކަށް ލެހެއްޓެވި ކަމުގައި ވިއަސް ދެން އެމީހުނަށް ވަޢްދު ކުރެއްވިގެންވާ ކަންތައްތައް (އެބަހީ: ޢަޛާބާއި ހަލާކު) އައިމާ އެބައިމީހުން (ދުނިޔޭގައި) ލެހެއްޓެވި ލެހެއްޓެވުމަކުން އެމީހުނަށް އެއްވެސް ކަމެއް ފުއްދައެއް ނުދޭނެއެވެ.) ((207- 26:205))

ލޮބުވެތި އަޚުންނޭ! ﷲ ގެ ނަބިއްޔާ ޙަދީޘްކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވޭ ((އުފާތައް ނެތިކޮށްލާ އެތީގެ މަތިން ތިޔަބައިމީހުން ގިނަގިނައިން ހަނދުމަކުރާށެވެ! އެބަހީ: މަރު ހަނދުމަކުރާށެވެ!))

މިއީ މަދުކަލިމަތަކެއްވާ މާނަ ފުން އިރުޝާދެކެވެ. ޔަޤީނުންވެސް މަރު ހަނދުމަކުރަންޖެހޭ ގޮތަށް މަރުހަނދުމަ ކުރާ މީހާ އޭނާގެ ޢަމަލުތައް ޙިސާބުކޮށް، އޭނާގެ ޢަމަލުތަކާއި މެދުގައްޔާއި، އޭނާގެ ލަނޑުދަނޑިއަށް އޭނާއަށް ވާޞިލުވޭތޯ އޭނާގެ ނަފްސާއި ސުވާލުކުރާނެއެވެ. ނަމަވެސް ޣާފިލުވެފައިވާ ހިތެއްގެ ވެރިޔާ ބޭނުންވާނީ ފޮނި ވާހަކަތަކަކާއި ދޮގު އުއްމީދުތަކެއް.
އެކަތިގަނޑަކަށްވެފައިވާ މީހުން ވަކިކުރުވާ، އުފާތަށް ނެތިކޮށްލާ އެތީގެ މަތިން ގިނަގިނައިން ހަދުމަކުރޭ. އުނދަގުލެއްގައިވާ މީހަކު އޭތީގެ މަތިން ހަނދުމަކޮށްފި ނަމަ އެމީހަކަށް ހިމޭންކަމާއި އަރާމް ލިބިދޭ. އަރާމާއި އުފަލުގައިވާ މީހަކު އޭގެ މަތިން ހަނދުމަކޮށްފި ނަމަ އެމީހަކަށް އުދަނގުލާއި ހާސްކަން ލިބިދޭ.
ﷲ ގަންދީ ހުވާކޮށްފައި ބުނަން. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ނިމުން އަންނާނެ. ކޮންމެ ނަފްސެއް މަރުވާނެ. ބިންގަނޑު އަހަރެމެންގެ މަސްތައް ކާނެ. އަހަރެމެންގެ ލޭތައް ބޯނެ. އެއީ އަހަރެމެން އެބިންގަނޑު މަތީގައި ހިނގާފަދައިން، އަދި އޭގެ ފެން ބޯފަދައިން. ﷲ ވަޙީކުރައްވާފައިވަނީ.

(އަދި އެދުވަހުން ތާޅަފިލި ފުމެލެއްވޭ ހުއްޓެވެ. ދެން، އެޑުތަކާއި ބިމުގައިވާހައި މީހުން (ބިރުން) މަރުވެގެން ވެއްޓޭނެއެވެ. (އެބިރުވެރިކަމުން ސަލާމަތް ކުރެއްވުމަށް) އެއިލާހު އިރާދަ ކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު، ފުމެލެއްވޭ ހުއްޓެވެ. ދެން އެންމެހައި މީސްތަކުން، ތެދުވެ، ބަލަބަލައި ތިބޭނެތެެވެ.) ((39:68))

إبن ماجة ރިވާކުރެއްވި ޙަދީޘެއްގައިވޭ. އެއްދުވަހަކު ނަބިއްޔާ ޤަބުރެއްގެ ކައިރީގައި ހުއްޓިވަޑައިގެންނެވި. އަދި ކީރިތި ކުރެއްވުމަށް ފަހު ޙަދީޘްކުރެއްވި. "މަގޭ ބައްޕަ! މިކަމަށް ތިޔަބައިމީހުން ތިޔަބައިމީހުންގެ ނަފްސުތައް ތައްޔާރު ކުރޭ!"

إبن ماجة އާއި طبراني ރިވާކުރެއްވި ޙަދީޘެއްގައިވޭ. މީހަކު އެއްސެވެ. އޭ ﷲ ގެ ރަސޫލުއެވެ! މީސްތަކުންގެ ތެރެއިން އެންމެ ބުއްދިވެރި މީހަކީ ކޮބައިތޯއެވެ؟ ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "އެންމެ ބުއްދިވެރި މީހަކީ ގިނަގިނައިން މަރު ހަނދުމަކޮށް، އެއާއި ބައްދަލު ކުރުމަށް ތައްޔާރު ވެގެން ހުންނަ މީހާއެވެ..."

އިމާމް ޢަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވޭ. "ބުއްދިވެރިޔަކީ ތިމާގެ ކުށްތައް ހޯދައި، މަރުވުމަށް ފަހު އަންނަށް އޮތް ކަންތައްތަކަށް ތައްޔާރު ވުމުގެ ގޮތުން ހެޔޮ ޢަމަލުކުރާ މީހާއެވެ.

މަރު، ޙަޔާތުގެ ޙަޤީޤަތް ފާޅުކޮށްދީފި. ހެޔޮ ވިސްނުން ހުރި އެކެއްވެސް މިހަޔާތާއި މެދު އުފާކުރާނެ ޖާގައެއް ނެތް. އުފަލާއި މަޖަލުގައި ދިރި އުޅޭމީހުންގެ އުފާލާއި މަޖާ ނެތިކޮށްލާ އެއްޗަކީ މަރު. ވީއިރު އޭގައި މަރުވުމެއް ނުވާ އުފާ ލިބިގަތުމަށް މަސައްކަތް ކުރައްވާ. ސުވަރުގޭގެ އަހުލުވެރިން މަރުވުމެއް ނެތް، އެހެންވެ އެމީހުންގެ ދިރިއުޅުން އަރާމް އެއްޗެއް ކަމުގައިވޭ. އެމީހުން ބައްޔެއްނުވޭ، އެހެންވެ އެމީހުން އުފަލުގައި އަބަދުގެ އަބަދަށް ދިރިއުޅޭ.

އޭ މުސްލިމުންނޭ! މަރާއި އޭގެ އެންމެހާ އުދަގޫތައް ހަނދުމަކުރައްވާ! ބިރުވެރި ހަޅޭކެއް ލުމަށް ފަހު، އުނދަގުލާއި ދަތިކަމާއި އެކު ނޭވާއެއްލައި، ފުރާނަ ހަށިގަނޑާއި ވަކިވެގެންދާ ވަގުތު ހަނދުމަ ކުރައްވާ! އެހެނީ ގިނަގިނައިން މަރު ހަނދުމަކުރާ މީހަކަށް ތިން ކަމަކުން ބަރަކާތްލައްވާނެ. އެއީ އަވަހަށް ތަވްބާވުން، ހިތަށް އުފާވެރިކަން ދެއްވުން، އަޅުކަން ކުރުމަށް ޝަޢުގުވެރިވުން. ހަމަ އެއާއެކު، މަރު ހަނދުމަ ނައްތައިފި މީހަކަށް ތިން މުޞީބަތެއް ޖެހޭނެ. އެއީ ތަވްބާވުން ފަސްކުރުން، ހިތް ނުތަނަވަސްވުން، އަޅުކަމުގައި ކަންނެތްވުން.

ހިތްތައް ހަލާކުކޮށްލާ، ލޯތައް ކަރުނައިން ތެންމާލާ، އުފާތައް ނެތިކޮށްލާ، މީސްތަކުން ބައިބައިކޮށްލާ، އުއްމީދުތައް ފުނޑުފުނޑުކޮށްލާނެ އެއްޗަކަށް މަރު ފުދޭ. ބޮޑެތި ޢާއިލާތަކާއި، ގިނަ ރަޙްމަތްތެރިންނާއި އެކު އުޅެނިކޮށް މަރު އައިސް އެހުރިހާ އެއްޗަކާއި އޭނާ ވަކިކުރުވާ. އަލިކަމާއި މަޖަލުގައި ވަނިކޮށް މަރު އައިސް އަދިރިއާއި އެކަނިވެރި ކަމުގެ ތެރެއަށް އޭނާ ގެންދޭ. ތަނަވަސް ޖާގައިގާ އުޅެނިކޮށް، މަރު އައިސް ހަފަރާތުން ބެދިފައިވާ ހަނިކަން ބޮޑު ކައްވަޅަށް އޭނާ ގެންދޭ. ބިން މަތީގައި ހިނގަހިނގާ އުޅެނިކޮށް މަރު އައިސް ފަސްގަނޑުގެ އަޑިއަށް އޭނާ ގޮވައިގެންދޭ. އެތާގައި ތިބާގެ ކަފުން ވީދި ހުސްގަޔާވެ، ހުސްފަޔާވެ، އެކަނިވެރި ވެދާނެ. ތިބާގެ ގެއަކީ ކަށްވަޅު ކަމުގައި ވެދާނެ. ހިރަފުހަކީ ތިބާގެ ފޭރާން ކަމުގައި ވެދާނެ. މަރުވެފައިވާ މީހުންގެ އެކިއެކި ގުނަވަންތަކަކީ ތިބާގެ އަވަށްޓެރިން ކަމުގައި ވެދާނެ. އެއީ އަޑުނީވޭ، އަދި އެއަޑަށް އިޖާބައެއް ނުދެވޭ އަވަށްޓެރިންތަކެއް. ތިބާ ދުނިޔޭގައި ގިނަދުވަހު ދިރިހުރި، އަދި ގިނަތަކެތި ތިބާއަށް މިލްކުވި. ނަމަވެސް ތިބާގެ ވެރި رَبُّ ގެ އަމުރުފުޅު އައި ހިނދު، އެތަކެތި ތިބާއަކަށް މަންފާއެއް ނުކުރި. އެހެންވެ ތިބާ ދުނިޔޭގައި އުޅުނު ގެ ޤަބުރަށްވެ، ތިބާ އެއްކުރި ތަކެތި ގެއްލިގެން ދިޔަ. ތިބާގެ މުދާތައް ވާރުތަވެރިންގެ މެދުގައި ބަހާލެވިގެން ދިޔަ. ތިބާގެ ޙަޔާތުގެ ބައިވެރިޔާ ނުވަތަ ލޯބިވެރިޔާ ތިބާގެ މަތިން ހަނދާން ނައްތާލުމަށް ފަހު އެހެން މީހަކު އިޚްތިޔާރުކުރި. އަދި ތިބާގެ މައްޗަށް ﷲ ވަޢުދުކުރެއްވި ކަންތައް އަތުވެއްޖެ.

(ތިމަން ﷲ ތިޔަބައިމީހުން ހެއްދެވީ ބޭކާރު ގޮތެއްގައި ކަމަށް، އަދި ތިޔަބައިމީހުން ހަމަކަށަވަރުން ތިމަން ﷲގެ ޙަޟްރަތަށް ރުޖޫޢަނުކުރެއްވޭނޭ ކަމަށް ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟) ((23:115))

އޭ ﷲ ގެ އަޅާ! ތިބާ މަރުވާނެ ދުވަހާއި މެދު ތިބާ ދުވަހަކުވެސް ވިސްނާލިންތަ؟ އެދުވަހު ތިބާއަށް ލަހެއް ފަހެއް ނުކުރެވޭނެ. އަދި އެދުވަހުން ތިބާ ތިބާގެ ކުށް ޤަބޫލުކުރުމަކުން ތިބާއަށް މަންފާއެއް ނުކުރާނެ. ތިބާގެ ހިތް އެއްޗަކުން ފަރުދާކުރެވިގެންވާ ޣާފިލުކަން ނައްޓާލައްވާ. އެހެނީ ތިބާގެ ހިތުގެ ޝުޢޫރުތަކާއި ތިބާގެ ހިތަށް އަރާހާ ތަކެއްޗެއް މޮޅާށް ދެނެވޮޑިގެންވާ ﷲ ގެ ޙަޟްރަތުގައި ތިބާ ވަރަށް އަވަހަށް ކޮޅަށް ހުންނަން ޖެހޭނެ. ﷲ ތިބާގެ ލޮލުން ކުރި ކަންތައްތަކާއި މެދު ތިބާއާއި ސުވާލު ކުރައްވާނެ. ތިބާގެ ކަންފަތުން އަޑުއެހި ތަކެތި ޙިސާބުކުރެއްވޭނެ. ﷲ ވަޙީކުރައްވާފައިވޭ.

"އަދި އެދުވަހުން (ޙިސާބުކުރެއްވުމަށް) ތިޔަބައިމީހުން ގެނެވޭނެއެވެ. ތިޔަބައިމީހުން ސިއްރުކުރަން ބޭނުންވާ ކަންތައްތަކެއް ސިއްރެއް ނުކުރެވޭނެތެވެ." (69:18)

މާރާއި މެދު ވިސްނާލައްވާ! އެހެނީ އިންސާނާ ﷲ އަށް ނުކިޔަމަންތެރިވުމުން އެއްކިބާ ކުރަނީ އެކަން. ހަރު ހިތް މަޑުކުރުވަނީ އެކަން. މިޙަޔާތަށް އިތުބާރުކުރުމުން ދުރުކޮށް، އުނދަގުލާއި މުޞީބަތުގެ ވަޤުތުގައި ހިތްހަމަޖައްސައި ދެނީ އެކަން. މަރު ހަނދުމަކުރޭ! އޭރުން ފަހަރުގައި ހިތާމައިގެ ވަގުތުން ތިބާ ސަލާމާތް ވެދާނެ.
އޭ އާދަމުގެ ދަރިޔާ! ﷲ އަށް ބިރުވެތިވޭ! އެއްވަގުތެއްގައި ދެކަމެއް ތިބާ އާއި ކުރިމަތި ވިޔަނުދޭ! އެއީ މަރުގެ ސަކަރާތާއި އުނދަގޫތައް، އަދި ހިތާމައާއި ހިތްދަތިކަން. މަރުގެ ސަކަރާތާއި މެދު ރައްކާތެރިވޭ! އެހެނީ މަރު ތިބާއާއި ބައްދަލުކުރާނީ ކުއްލިއަކަށް. އެކަކަށްވެސް ތިބާ އާއި ބައްދަލުވާނޭ ކަންތަކާއި ތިބާއަށް ފެންނާނޭ ކަންތައް ޞިފައެއް ނުކުރެވޭނެ. ނުކިޔަމަންތެރިކަމުގައި ވަނިކޮށް މަރުނުވުމަށް ހުށިޔާރުވޭ! އެެހެންނޫންނަމަ، ތިބާގެ ވެރި رَبُّ އާއި ތިބާ ބައްދަލުކުރަން ޖެހޭނީ ދެއްކޭނެ އެއްވެސް ޢުޛުރެއް ނެތި.

ޢިއްޒަތްތެރި އަޚުންނޭ! ތިމަންމެންނަށް ފުދޭނެ ރިޒްޤެއް ނުލިބިދާނެ ކަމަށް އުޅުނު މީހުން ކޮބައިތޯ؟ ދަތުރުގެ ދުރުކަމާއި އުޅެންޖެހޭ ބީރައްޓެހި ކަމާއި މެދު ބިރުވެތިވި މީހުން ކޮބައިތޯ؟ މިދުނިޔެއިން އޭނާ ނެގި އެއްޗެއް ކަމުގައި ވަނީ ހަމައެކަނި ބާވެފައިވާ ފޭރާމަކާއި، ކުޑަކުޑަ ކާއެތި ކޮޅެއް. ދުނިޔޭގެ ޙަޔާތުގައި އޭނާވީ ތެދު މަގުލިބިގެންވާ އިއްފަތްތެރިއެއް ކަމުގައި. ކުޑަކުޑަ ކާއެތި ކޮޅަކުން އޭނާއަށް ފުދުނު. އޭނާގެ ވެރި رَبُّ ގެ ޙަޟްރަތުގައި އޭނާ ލަދުވެތިވި. މަރު ހަނދުމަކުރި، އެހެންވެ އޭނާ އޭނާގެ ޙިއްސުތަކާއި ބަނޑު ރައްކާތެރި ކުރި. އެނާ އެދުނީ އާޚިރަތުގެ ދަރުމައާއި ޘަވާބު، އެހެންވެ އޭނާ ދުނިޔޭގެ ޒީނަތްތެރިކަން ދޫކޮށްލި. ފިލާދަނިވި ތަކެތީގެ މައްޗަށް އޭނާ އިޚްތިޔާރުކުރީ އަބަދުގެ އަބަދަށް ދެމިހުންނަ ތަކެތި. ބުއްދިވެރިއަކީ މިއީ ކަން ޔަޤީން.

ވީއިރު ﷲ އަށް ތަޤްވާވެރިވޭ! އަދި ތިބާގެ ނިކަމެތި ނަފްސަށް ރަޙުމްކުރޭ! ﷲ އަށް ބިރުވެތިވޭ! ތިބާއާއި ﷲ ޙަވާލު ކުރެއްވި އަމާނަތްތަކަށް ބެލުންތެރިއަކު ކަމުގައިވޭ! ދިގުވެގެންވާ ދުވަހެއްގައި ތިބާގެ ވެރި رَبُّ ގެ ޙަޟްރަތުގައި ތިބާ ކޮޅަށް ހުންނަން ޖެހޭ ކަން ހަނދުމަކުރޭ! ތިބާގެ ޢަމަލުތަކުގެ ޙިސާބު ބެއްލެވޭނެ! ތިބާ ފަރުވާކުޑަކުރި ކަންތައްތަކާއި މެދު ތިބާ ހިތާމަކުރަންޖެހޭނެ! ﷲ ވަޙީކުރައްވާފައިވޭ.

(ކޮންމެ ނަފްސަކީ ވެސް މަރުގެ ރަހަ ދެކޭނޭ އެއްޗެކެވެ. ތިޔަބައިމީހުންގެ އުޖޫރަތައް ފުރިހަމައަށް ފުއްދަވައި ދެއްވާހުށީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ އެދުވަހުން ނަރަކައިން އެއްކިބާ ކުރެއްވި ސުވަރުގެ ވައްދަވައިފި މީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ހެއްލުންތެރިކަމުގެ އުފަލެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.) ((3:185))
Read more...